ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ޖުމްލަ 300 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި ޖެނުވަރީ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމަހުގެ ތެރޭގައި މިނިސްޓްރީއަށް 300 މައްސަލައެއް ވަނީ ހުށަޅާފައެވެ. އޭގެ ތެރެއިން 120 މައްސަލަ އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ޖިންސީ ގޯނާކުރުމާއި ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ.

އެ ގޮތުން ޖިންސީ ހާނިއްކައިގެ 27 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، ޖިސްމާނީ ހާނިއްކައިގެ 27 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 19 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ބްލެކްމެއިލްކުރުމުގެ 2 މައްސަލަ، ، ގަނާކުރުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ، ފުރައްސާރަކުރުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 23 މައްސަލަ އަދި އެހެނިހެން މައްސަލަތަކުގެ ތެރޭގައި ހިމެނޭ 1 މައްސަލަ މި ކެޓަގަރީން ވަނީ ހުށަހެޅިފައިވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 49 މައްސަލައަކާއި އާއިލީ މައްސަލަތަކުގެ 39 މައްސަލައަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް ޚިޔާލުކުރުމުގެ ޖުމްލަ 17 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 35 މައްސަލަ، އިޖުތިމާއީ އެހީތެރިކަން ފޯރުކޯށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 12 މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 13 މައްސަލައަކާއި އުމުރުން 15 އަހަރުން ދަށުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ 6 މައްސަލައިގެ އިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 9 މައްސަލަ ވަނީ އެ އިދާރާއަށް މިދިޔަ މަހު ހުށަހަޅާފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ އަދަދަކީ 183 އެވެ.