މިދިޔަ އޮގަސްޓް މަހު ކުޑަ ކުޑަކުދިންނަށް އިހުމާލުވުމާއި ޖިންސީ ހާނިކަ ކުރުމުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީއަށް އޮގަސްޓު މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ މަހު ޖުމްލަ 248 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަ އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް އޮގަސްޓް މަހު ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްގައި ވަނީ އިހުމާލުގެ މައްސަލަތަކެވެ. އިހުމާލު 33 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ.

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ކުރިން ކުރި މުޒާހަރާއެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާގެ އިތުރު މައްސަލަތަކަކީ:

  • ޖިންސީ ހާނިކައިގެ 24 މައްސަލަ
  • ޖިސްމާނީ ހާނިކައިގެ 15 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ
  • ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ
  • އެހެނިހެން 3 މައްސަލަ

ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 16 މައްސަލައެއް އޮގަސްޓު މަހު ޖެންޑާއަށް ހުށަހަޅާފައި ވެއެވެ.އެފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ 5 މައްސަލަ، ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 1 މައްސަލަ، ސްލޫކީ 2 މައްސަލަ ހިމެނެ އެވެ.

އޭގެ އިތުރުން ޖެންޑާ މިނިސްޓްރީއަށް އޮގަސްޓްމަހުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ އެކެވެ.

އޮގަސްޓް މަހު ޖެންޑާއަށް ރިޕޯޓް ކޮށްފައިވާ އިތުރު މައްސަލަތަކަށް ބަލާއި އާއިލީ މައްސަލަތަކާއި ގުޅުންހުރި 34 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އެއްވެސް އޮގަސްޓްމަހު ރިޕޯޓްކޮށްފައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަސް ޖެންޑާއިން ބުނެ އެވެ.