ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަށް ''ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް" ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާ ގުޅިގެން ހިންގާ "ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް" ގެ ދަށުން ޤައިދީން ރިހެބިލިޓޭޓްކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި މުޖްތަމަޢުއަށް ނެރެން މަސައްކަތް ކުރާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މިފަހުމްނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އެވެ. އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާމިނަތު ޝިރާނީ ނައީމްއެވެ.

މި ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލާ ގުޅޭ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ޤައިދީންނަށް ހާއްސަކޮށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިސްލާޙްކުރުމަށް މަސައްކަތްކުރުމެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާ ގުޅިގެން “ޕަރޕެޓްރޭޓަރ ރިހެބިލިޓޭޝަން ޕްރޮގްރާމް” ހިންގުމަށް ފަހުމްނާމާއެއްގައި ސޮއިކުރުން / ފޮޓޯ: ކަރެކްޝަން ސާރވިސް

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ކޮންސަލްޓަންޓުން ޖަލުތަކުގައި ތިބި ޤައިދީންނަށް ހިންގާ މިޕްރޮގްރާމް ހިންގާނީ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 2 ގެ ދަށުންނެވެ. މިފޭސްގައި މިހާރުވެސް ހިންގަމުންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ޖިންސީ ކުށްތަކުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް ޚާއްސަ "ސެކްސް އޮފެންޑަރ ޕްރޮގްރާމް" ޕްރޮގްރާމްވެސް ހިމެނެއެވެ.

ޖަލުގައި ތިބޭ ޤައިދީންނަށް ތަމްރީން ދިނުމަށްފަހު އެމީހުންނަކީ މުޖުތަމައުއަށް ފައިދާކުރާނެ މީހަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ޖަލުތަކުގައި ތިބޭ ގައިދީން ރިހެބިލިޓޭޓް ކުރުމަށް ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ މަހަކު 64 މީހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިފައިވެއެވެ. އަދި ޤައިދީންގެ ތެރެއިން ކޮންމެ މަހަކުވެސް 40 މީހަކު ދޫކޮށްލާފައިވާ ކަމަށް އެސަރވިސްއިން ހާމަކުރައްވައެވެ. އަދި ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 1489 ޤައިދީން ޖަލުތަކުގައި ބަލަހައްޓާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަޑުކޮށްބަލަ

    ގެވެށި އަނިޔާ ކުރަން ތިއުޅެނީ؟

  2. ރިހެބް

    އާއެކޭ އާއެކޭ އިސްލާހުކޮއް ނެރެންޖެހޭއޭ!ޖަލުތައްފުރިއްޖޭ! އެއީކޮންމެހެން މިވަގުތު ކުރަންޖެހޭކަމެކޭ!ވޯޓު ހޯދަން..😁😎🤓