މަސްވެރިންނަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދޭތީ މަސްވެރިންގެ ހައްގު ހޯދަންކަމަށް ބުނެ އިއްޔެ ހަވީރު އިދިކޮޅު ޕީޕީއެމްއިން ކުރި މުޒާހަރާއިން ހައްޔަރު ކުރި ނުވަ މީހުން ދޫކޮށްލައި، އެކަކުގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.

އިއްޔެގެ މުޒާހަރާ ރޫޅާލައި 10 މީހުން ހައްޔަރުކުރިއެވެ. އެ މީހުންގެ ތެރެއިން އަށް މީހަކު ދޫކޮށްލީ ކޯޓަށް ހާޒިރު ނުކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރި ކަމަށާއި، އޭގެ ތެރެއިން އެކަކު ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެެވެ. އެއީ 53 އަހަރުގެ ފިރިހެނެކެވެ.

އަދި ދެ ވަނަ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ "ލޭނާރު" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާއަކީ އިދިކޮޅުން މަސްވެރިންގެ ހައްގުގައި ކުރި މުޒާހަރާއެކެެވެ. އެ މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވީ މާލޭ މަސް މާރު ކޭޓް ސަރަހައްދުގަ އެވެ.

އިދިކޮޅު އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ އެ މުޒާހަރާ ހުއްޓުވުމަށް އިއްޔެ ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އާދަޔާއި ހިލާފަށް ބޮޑަށް ބާރުގެ ބޭނުން ކޮށްފައެވެ.