މިހާރު ސަރުކާރުގައި ތިބި މީހުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮތް ގާނޫނު އަސާސީގައި ވެރިކަން ކުރަން ލިބުނުނަމަ ބޭއިންސާފާއި ކުޅިސަމާ ދައްކާނެ ކަމަށް މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ވިދާޅުވެއްޖެއެވެ.

ޒަކީ އަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ފުރަތަމަ އެމްޕީއެލްގެ ޗެއާމަން ކަމަށް އައްޔަން ކުރެއްވި ބޭފުޅާއެވެ. ނަމަވެސް އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޒަކީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި "ސަންދާނު" ނަމުގައި އީމެއިލް މެދުވެރިކޮށް ނޫހެއް ނެރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅާއެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް މައުމޫނުގެ ވެރިކަމުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ޒަކީ މިއަދު ސަރުކާރަށް ފާޑުވިދާޅުވީ ބައެއް ފޮޓޯތަކާއި ވެސް އެކުގައި ކުރެއްވި ޓްވީޓެއްގައެވެ. އޭނާގެ ޓްވީޓްގައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އަތުގައި ހިފައިގެން ޝައިހް އިލްޔާސް ހުސެއިން ހުންނެވި ފޮޓޯއަކާއި ކެސީނޯ ވާހަކަ ފަށާއިރަށް އެއީ ހަރާމް ކަމެއް ކަމަށް ނުބުނެވޭނެ ކަމުގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވި ޚަބަރުގެ ފޮޓޯއެއް ވެސް ހިމަނުއްވާފައެވެ.

އަދި ހޯމަ ދުވަހު އިދިކޮޅު ޕީޕީއެމް އިން މަސްވެރިންގެ ދިފާއުގައި ކުރި މުޒާހަރާގައި އަނިޔާވެރިކޮށް ފުލުހުން ދެއަންހެނަކު ހުއްޓުވަން މަސައްކަތް ކުރި ދެ ފޮޓޯއެއް ވެސް ޒަކީގެ ޓްވީޓްގައި ހިމަނާފައި ވެއެވެ.

އެފޮޓޯތަކަށް އިޝާރާތްކޮށް ޒަކީ ވިދާޅުވީ "މި މީހުން ވެރިކަން ހިންގާލަން މައުމޫނު އަތުގައި އޭރުއޮތް ގާނޫނު އަސާސީ އޮތްނަމަ ހާދަ ބޭއިންސާފާއި ކުޅިސަމާސ ރައްޔިތުންނަށް ދައްކާލާނެ." ކަމަށެވެ.

ޒަކީ ވިދާޅުވީ މިހާރު ވެރިކަން ކުރަނީ ގާނޫނު އަސާސީ ފައިދަށުލައިގެން ކަމަށެވެ. "މިހާރު އޮތް ފެހި ގާނޫނު އަސާސީ ފައިދަށުލައިގެން މިއޮށް ހިންގާ ކަރަޕްޓް، ބޭއިންސާފު، ލަާދީނީ، ލާގައުމީ ވެރިކަން ދެކިލަބަލަ." ޒަކީ ވިދާޅުވިއެވެ.

މައުމޫނުގެ ވެރިކަމުގައި އޮތް ނޫގާނޫނު އަސާސީ އަކީ ޑިމޮކްރަޓިކް ގައުމުތަކުގައި ލިބޭ ހައްގުތައް ވަރަށް ބޮޑަށް ހިފަހައްޓާފައި އޮތް ގާނޫނު އަސާސީއެކެވެ. އެގާނޫނު އަސާސީ ބަދަލުކޮށް ރާއްޖޭގައި އާގާނޫނު އަސާސީއަކަށް އަމަލު ކުރަން ފެށީ 2008 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑިމޮކްރަސީ

    ޑިމޮކްރަސީ ނައިސްގެން ގައުމަށް ދުއްޕާކުރަން އުޅުނު މީހަކު ބުންޏަސް ތެދެއް ވާނީ ތެދަކަށް. އެވަރުގެ ބާރުގަދަ ގާނޫނުއަސާސީއަކާއެކު މިރާއްޖެއަށް ޑިމޮކްރަސީ ނައިކަން އެއީ ބަޔަކު މީހުންގެ ނަސީބު. އެހެން ނޫންނަމަ ރައްޔިތުން އަޅުންނަށް ހަދައި ގައުމު ނޮޅާލައިގެން ސިޔާސީ އެންމެންވެގެން ކައި ހުސްކޮށްލާނެ.

    51
    2
  2. ޢަހޫ

    ކުޅިސަމާ ކުޅުއްވީމެއްނޫންތޯ މެލޭސިޔާއިން ޕްރީއޯޑަރަށް މުދާގެނެސްދޭނެކަމަށްބުނެ މީހުންއަތުން އެޑްވާންސަށް ފައިސާ ނަގައިގެނެ. ތިކަހަލަ މީހުންގޮވާކޮސް އަޑުއަހާބަޔަކު މިހާރުނެތް. ކޮބާމިހާރު މީހުންގެފައިސާކޮޅު އަބުރާދީފިންތޯ.

    8
    7
  3. ސަންގުހަނދާ

    މިކަލޭގެ އަބަދުވެސް ދުވާނީ ބޭރު ގައުމެއްގެ ސަފީރުކަން ހޯދަން އޭރުންތާ އަމިއްލަ ވިޔަފާރި ކުރި އަރާނީ
    ތިޔަބުނާ ގާނޫނު އަތުގަ އޮތީމަތަ ފާއިތުވި ފަސް އަހަރު ރައްޔަތުންނާ ގާޒީނާ މަޖިލިސް މެންބަރުން ލާ ޖަލުތައްފުރާލީ ހުދު ކުރީގެ ނައިބު ރައިސް ޖަމީލު ދެެއްކެވި ވާހަކަ ފުދޭ.

    5
    12
  4. ހުސޭނުބޭ

    މިހާރު އެ މީހުން އަތުގައި މައުމޫނު އެބަ އޮތް

    12
  5. ނަމަ

    މައުމޫނުގެ ވެރިކަމުގަ މިހެން ބުނި ނަމަ ނަޒާކީ ޒަކީ އަށް ފިސާރި ކުޅިސަމާ ދައްކާލާނެ

    13
    3
  6. ފިނިޝް

    ބޅކު ބުންޏަސް ތެދެއް ވާނީ ތެދަކަށް

    10
    1
  7. ނަނަނަ

    ހެހެހެ…މިހާރު ވެރިކަމުގަ އެތިބީ ގާނޫނު ހަދާ މަޖިލިސް ތެރޭގަ މިހާރު މިއޮތް ގާނޫނު އަސާސީ ލިޔެފަ އޮތް ފޮތުގެ މައްޗަށް ކޮޅުފައިން އަރާ އެއަށް ކުޅު ޖެހި މީހުންނެއް ނޫންތަ؟ މަ ހަމަ އަންތަރީސް ވެއްޖެ ޒަކީއަށް އެކަން ނޭނގުނީތީވެސް..

    14
  8. ތަހަންމައިދީ

    މީ ހަމަ ފައްކާ ބޯވައެއް.

    5
    4
  9. އަބްދޫ

    ތިބޭފުޅާ އަށް ހަމަ ވިސްނުންދެއްވި ކަމަށްޓަކާ މާތްﷲ ގެ ކިބަފުލަށް ހަމްދު ކޮށް ސުކުރު ދަންނަވަން.

    1
    1
  10. ކަލޯ

    ތިބުނާ ގާނޫނު އަސާސީ އޮވެ ތިބުނާ މައުމޫން ވެރިކަމުގަ ހުރިއިރު މި ގައުމުގެ ހާލަތު މިއަށްވުރެ ރަނގަޅު ކަމަށް ގަބޫލުކުރެވެނީ... މިހާރު މިތަން އެބަ ވޭތަ ގައުމަކަށް؟ ޖެހުނު ގޮތަކަށް ޖެހުނު ކަމެއް، އެމީހަކާ އެމީހެއް. ހަމައެއް ލަމައެއް އުޅުމެއް އަޚުލާގެއް ގޮތެއް ފޮތެއް ނެތް މުޖުތަމައުއަކަށް މިތަން ބަދަލުވީ އޭގެ ފަހުން ގެނެވުނު ތިބުނާ ޑިމޮކްރަސީއަކުން