މަސައްކަތުގެ މާހައުލުގައި އަބަދުވެސް އަމާޒަކަށް ހަދަންވީ، ހުރިހާ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކޮށް، ވީއެންމެ ރަނގަޅަކަށް ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ އެހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގެ ފުރަތަމަ ސެޝަން ޝަރަފްވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އޮތް ދަސްވެނިވުމުގެ ހަފްލާގައި، ބައިވެރިވެ ވަޑައިގެން ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، މައިގަނޑު ދެކަމެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ މައިދާނުގައި ކުރަންޖެހޭނެ ތަޖުރިބާތަކުގެ މައްޗަށާއި، ދުނިޔޭގައި ހުރިހައި ދުވަހަކު އިލްމު އުނގެނުމުގެ މުހިއްމުކަމާއި ބެހޭގޮތުން އެކަމަނާ ވާހަކަދެއްކެވި އެވެ.

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ - ފޮޓޯ: ރައީސް އޮފީސް

"މަސައްކަތުގެ ޢަމަލީ މައިދާނުގައި، ތަފާތު ހާލަތްތަކާއި ގޮންޖެހުންތައް ކުރިމަތިވާނެ. އެހެން ނަމަވެސް މަންޒިލަށް ވާސީލް ވުމަކީ މުހިއްމު ކަމެއް. އަދި، މަސައްކަތުގެ މާހައުލުގައި އަބަދުވެސް އަމާޒަކަށް ހަދަންވީ، ހުރިހާ އެންމެންނާއި އެކު ގުޅިގެން މަސައްކަތްކޮށް، ވީއެންމެ ރަނގަޅަކަށް ޚިދުމަތް ފޯރުކޮށް ދިނުމަށް." ފަޒްނާ ވިދާޅުވި އެވެ.

ދަސްވެނީންނަށް އުނގެނުމުގައި ދެމި ތިބުމުގެ މުހިއްމުކަން ބަޔާންކޮށްދެއްވައި އެކަމަށް މެޑަމް ހިތްވަރުދެއްވިއެވެ. އެގޮތުން، ޑިގްރީއިން، މާސްޓާސްއިން ނުވަތަ ޕީއެޗްޑީއިން ދަސްވަނީ އެކޯސްތަކުގައި ހިމެނޭ މައުލޫމާތުކޮޅު ކަމަށާއި، އެ މިންވަރުން ދުނިޔޭގެ ހުރިހާކަމެއް ތިމާއަށް އެނގުނީކަމަށް ދެކޭނަމަ އެއީ ގޯހެއްކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ - ފޮޓޯ: ރައީސް އޮފީސް

މިއަދު ހާސިލްކުރެވުނު އިލްމަކީ، ހަޔާތުގެ ބާކީ އޮތް ދުވަސްވަރު، އިތުރު މައުލޫމާތު ހޯދައި، ހުނަރުތައް ދަސްކުރުމަށް، ބޭނުންކުރެވޭ ހަރުފަތެއް ކަމަށް ބެއްލެވުމަށް ދަސްވެނީންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެކި ފެކަލްޓީތަކުން ކޯސްތައް ނިންމި ދަރިވަރުންގެ ތެރެއިން، ބެޗެލާސް އިން ޝަރީއާ އިން ލޯ އޮނާސް ކޯހުން އެއްވަނަ ހޯދި ދަރިވަރަށް، ގައުމީ ޔުނިވަސިޓީންދޭ ޝަރަފްގެ އެވޯޑާއި، ރައީސް ދެއްވާ އިނާމް ހަވާލުކޮށްދެއްވީ، މެޑަމް ފަޒްނާ އެވެ. އޭގެ އިތުރުން މި ހަފްލާގައި ބެޗްލާސް އާއި މާސްޓާސް ޑިގްރީ ހާސިލްކުރި އެހެން ބައެއް ދަރިވަރުންނަށް ވެސް އެކަމަނާ ވަނީ ސަނަދުތައް ހަވާލުކޮށްދެއްވާފަ އެވެ.