މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް [އާރްޓީއެލް]ގެ ބަސް ހުއްޓިތައް ހިޔާކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ [އެމްޓީސީސީ]ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ އާރްޓީއެލްގެ ބަސް ހުއްޓިތައް ހުރި ހުރިހާ ރަށެއްގައިވެސް ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

މާލެ ސަރަހައްދަށް ބަލާއިރު، މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރު ކުރުމަށް ހާއްސަ ބަސްތަކާއި، ހުޅުމާލޭގެ އެތެރޭގައި ދަތުރު ކުރާ ބަސްތަކާއި، އެއާޕޯޓަށް ދާ ބަސްތަކަށް ބަސް ކާޑް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

މިނީ ބަހުގެ ހިިދުމަތަށް ފައިސާ ދެއްކޭނީ އާރުޓީއެލް ވެބް ޕޯޓަލާއި އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ހިދުމަތް އަލަށް ހޯދާއިރު ރަޖިސްޓްރީވެލަން ޖެހޭނެއެވެ. އޭގެ ފަހުން ކުރީގެ ލޮގިން ބޭނުންކޮށްގެން ހިދުމަތް ހޯދޭނެއެވެ.

މި ހިދުމަތް ހޯދުމަށް ޓިކެޓް ނަގާއިރު، އެމީހަކު ބަހުގައި ދަތުރުކުރާ ރޫޓާއި، ޓިކެޓް ނަގާ އަދަދު ހިޔާރުކޮށް، ބޭންކް ކާޑް މައުލޫމާތާއި އީމެއިލް އެޑްރެސްއެއް ޖެހުމުން ފައިސާ ދައްކާ ޓިކެޓް ނެގޭނެއެވެ.

މިގޮތަށް ނަގާ ޓިކެޓްތައް ބޭނުންކުރެވޭނީ ހަތް ދުވަހުގެ މުއްދަތަކަށެވެ. ޓިކެޓުގައިވާ ކިއު.އާރު ކޯޑު ބަހަށް އަރާ ސްކޭން ކޮށްލުމުން ޓިކެޓް ކެނޑުނީއެވެ.

މިނީ ބަހުގެ ހިދުމަތަކީ ގިނަ ބަޔަކަށް އޭގެ ސަބަބުން ފަސޭހަވެގެން ދާނެ ހިދުމަތެކެވެ. މީގެ ކުރިން ޓެކްސީތަކަށް 30 ރުފިޔާ ދީގެން ކުރާ ދަތުރުތައް ބަހުގައި އެންމެ ހަތް ރުފިޔާ ދީގެން ކުރެވޭނެއެވެ.