މޫސުން ކުރިއަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މިއަދު ހަވީރު ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 12:00 އަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ކުރިއަށް ތިން ދުވަހަަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި ވިއްސާރަ އަލިވާން ފަށާނީ އަންނަ ހަފްތާގެ ހޯމައިން ފެށިގެން ކަމަށެވެ.

އެގޮތުން ބޮޑަށް ވިއްސާރައީ މެދު ރާއްޖެ ތެރެއާއި ދެކުނު އަތޮޅުތަކަށް ކަމަށާއި އުތުރުގެ އަތޮޅުތަކަށް މިރެއިން ފެށިގެން ވިއްސާރަ ކުރަން ފަށާނެ ކަމަށް ބުނެފައި ވެއެވެ.