ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިގޮތަށް ވިދާޅުވެފައި ވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރުމަށްޓަކައި މި އަހަރު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެންނަށް ދުރާލާ އިންޒާރު ދިނުން، އަވަސް ފިޔަވަޅު އެޅުން" އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ކަނޑުފަޅުންނާއި ވަށައިގެންވާ ވެށިން ލިބޭ މަންފާއަށް ކަމަށާއި ޒަމާނުއްސުރެ ކުރަމުންއައި މަސްވެރިކަމާއި، މިހާރު އިގްތިސޯދު އޭގެ މައްޗަށް ބަރޯސާވާ ފަތުރުވެރިކަމަކީ ކާރިސާތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ދެ އިގްތިސޯދީ ލޭނާރު ކަމަށެވެ. އެ ދެ ހަރަކާތް ހުއްޓޭ ކޮންމެ ފަހަރަކީ ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ހާލަތެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ދުރާލާ ކާރިސާތަކަށް ތައްޔާރުކަން އިތުރުކުރެވިގެން މެނުވީ ވިލުންވެރި މުޖުތަމައަކަށް ވާސިލެއް ނުވެވޭނެ ކަމަށެވެ.

"މިއަހަރުގެ ޝިއާރު ގުޅިފައިވަނީ 2015 އިން 2030 އަށް ޤައުމުތަކުން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބަޔާން ކުރާ ބައިނަލްއަގްވާމީ މުއާހަދާކަމުގައިވާ "ސެންޑާއި ފްރޭމްވޯރކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" ގެ ލަނޑުދަނޑި “ޖީ” އަށް. ދެމެހެއްޓެނިވިގޮތަކަށް ހުރިހާ ފަރާތްތަކަށް ދުރާލާ އިންޒާރު ލިބޭނެ މަގު ކުރިއަށްވުރެ ބޮޑަށް ފަހިކޮށްދީ، ކާރިސީ ހިރާސްއާއި ގުޅޭ މަޢުލޫމާތު މިހާރަށްވުރެ ފަސޭހަކަމާއިއެކު، އެންމެނަށް ލިބެން ހުންނާނެ އިންތިޒާމްތައް 2030 ވަނަ އަހަރުގެ ނިޔަލަށް ހަމަޖެއްސުމަށް މިލަނޑުދަނޑީގައި ކަނޑައަޅާފައިވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މޫސުމީ ބަދަލާއި ގުޅިގެން ރާއްޖެ ކަހަލަ ބިންތިރި، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ކާރިސާތަކަކީ އެކަމުގެ ނުރައްކާ އިންތިހާއަށް އޮތް އަދި އެކަމުން ރައްކާތެރިވުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމާއި، އުދައެރުމުން ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުން ލިބޭ ގެއްލުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި، ރައްޔިތުންގެ ދިރިއުޅުމަށް ކުރާ މަސައްކަތްތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލިވެ، ހާލުގައި ޖެހި އަސާސީ ހިދުމަތްތަކަށް ބުރޫއަރާ ހިސާބަށްދާ ކަމަށެވެ.

ކާރިސާތަކުގައި ފުރަތަމަ އިޖާބަދޭން އެކިއެކި މުއައްސަސާތަކުން ދުރާލާ ފިޔަވަޅު އެޅުމަށް ވަގުތު ލިބޭކަމަށާއި ދިރާސާތަކުން ދައްކާގޮތުން ކާރިސާއެއް ކުރިމަތިވުމުގެ 24 ގަޑިއިރު ކުރިން ދުރާލާ އިންޒާރު ދެވޭ ނަމަ، ލިބިދާނެ ކަމަށް ވަޒަން ކުރެވޭ ގެއްލުމުގެ 30 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންޝުއާރެންސް ކުރުމަކީވެސް ކުރިމަތިވެދާނެ ކާރިސާއަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އިންޝުއާރެންސް ކުރުން މިހާރު ވަނީ ރައްޔިތުންނަށް ފަސޭހަ މިންވަރަކަށް ތަރައްގީ ކޮށްފައި ކަމަށާއި އަލިފާނުގެ ހާދިސާތަކުގައި އާންމު ގެތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލު އިންޝުއަރެންސް މެދުވެރިކޮށް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ސަރުކާރުގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ ދަށުން މިދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ގިނަގުނަ. މިކަމަށް ރައީސް ދެއްވާ ޙާއްޞަ އިސްކަމެއްގެ ދަށުން އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ އުފައްދަވާ "ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" މިނިވަންކަމާއެކު ތަންފީޒު ކުރުމުގެ ބާރު އެއޮތޯރިޓީއަށް ދެއްވެވި. އަދި ސަރުކާރުގެ 5 އަހަރު ދުވަހުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019 - 2023" ގައި ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް 8 ސިޔާސަތަކުން 14 އިސްތިރާޖީއެއް އެކުލަވާލައި 40 ލަނޑުދަނޑިއެއް ހާސިލު ކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. މިއީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ފާއިތުވެދިޔަ އެއްވެސް ސަރުކާރެއްގައި ހޯދައިދެވިފައިނުވާފަދަ ކުރިއެރުމެއް." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރެވޭނީ ފަރުދީ އަދި މުޖުތަމައަށް ފެންވަރުގައި އެކަމުގެ މުހިންމުކަން ދެނެގަނެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި މިވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން ދިވެހި ގައުމަށް ދަސްވި އެންމެ ބޮޑު އެއްފިލާވަޅަކީ އުމްރާނީ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ވެށީގެ ރައްކާތެރިކަން އެންމެ ފުރިހަމައަށް ޔަގީން ކުރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިމަގުގައި ވެސް ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ހާލުގައިޖެހޭ ފަރުދުންގެ ހާލާއި އިހްސާސްތައް ދެނެގަނެ، ހޭހަންކޮށްދީ، އަޅާލުމާއި އޯގާތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    ލަދުކުޑަ މާރިޔާ! ކުރީސަރުކާރުތަކުން ކުރިކަންތައް ތަކަކީ! ބުރިޖު އެޅުން. ދަރުމަވަންތަ ހޮސްޕިޓައްއެޅުން. ދިވެހިރައްޔިތުންގެ ހިތުގެ ބަލިމީހުންގެ ފަރުވާދޭ ސެންޓަރ އުފެއްދުން. ދިވެހިރައްޔިތުންގެ ބޯހިޔާވެހިކަމަށް ފޭސްޓޫ ހިއްކުން. ހިޔާފުލެޓްތައް އެޅުން. އެންޑުސްޓްރިއަލް ވިލެޖު ހެދުން.ރަސްފަންނު ހެދުން. ލިންކު ބރޯޑުން ހުޅުމާލެއާ ހުޅެއާ ގުޅާލުން! އެއަރޕޯޓު އާރަންވޭ އަޅައި ތަރއްގީކޮށް.ސީޕުލޭނު ޓަމިނަލް އެޅުންއެންމެ ފަސްއަހަރު! މާރިޔާ ގަރުދިޔަބޮއިބަލަ!މަރިޔާމެން ގާނޫނުއަސާސީގެމައްޗަށްއެރީ ގައުހުޅުޖަހާ އަންދާނީ. މިހާރު ތިޔަކުރާކަމަކީ ގައުމުގެ މިނިވަންކަން ބުދުދީނުގެ މީހުންނަށް ވިއްކާލުން.ލިވާތުކުރުމާއި ހުރިހާ ފާޚިސްކަންތަކެއް ގައުމުގައި ފެތުރުން! ގަރުދިޔަބޮއިބަލަ!އެގިއްޖެތަ!މިކީއެއްޗެއް

  2. އަހްމަދު

    ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށްދޯ މިޤައުމުގައި އިންޑިޔާމިހުން ގިނަކުރަނީ!

  3. ހުސޭނުބޭ

    ތަނަކު ފުޅުމަދު އުނގުރިއަކަށް ޑިފެންސް މިނިސްޓަރުކަން ދިނީމާ ޕޯޑިއަމެއް ފެންނައިރަށް އެތަނަށްއަރާ ކޮންމެވެސް އެއްޗެކޭ ގޮވާނެ. ކަލޭމެންނަނށް ކުރެވޭނެހައިވެސް ކަމަކީ ޤާނޫނު އަސާސީއަށް ފައިންއެރުން.

  4. ފަލަސްތިން

    މިމީސްމީހުންގެ ގެތަ އެތިބީ އިގިރޭސް ވިލާތުގަ މިމީސްމީހުން ރައްޖެއަކަ ހެވެއް ނޭދޭނެ.

  5. ހުސެންބެ

    އިލާހީ ޤާނޫނަކާ ނުކުޅެވޭނެ