"62 ވަނަ އިންޓަރނޭޝަނަލް އަލް-ގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ގުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައިވާ ދަރިވަރާއި ބެލެނިވެރިޔާ މެލޭޝިޔާއަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވުމަށް، ދަރިވަރަކު ހޮވާފައިވަނީ މިކަމަށް ހާއްސަ އޮޑިޝަނެއް ބާއްވާ، އެ އޮޑިޝަނުން ހޮވުނު ދަރިވަރެވެ.

މި މުބާރާތަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރެއް ކަމުގައިވާ އާއިޝަތު ލީސް އައުރަފް ފާރޫގެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މި ދަރިވަރާ ބައްދަލުކުރައްވާ ހިތްވަރުދެއްވާފައެވެ.

މި މުބާރާތަކީ މެލޭޝިއާ ސަރުކާރުން އިންތިޒާމްކޮށްގެން މި މަހުގެ 22 ވަނަ ދުވަހުގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އުމުރުން 15 އަހަރުގެ އާއިޝަތު ލީސް އައުރަފް ފާރޫގަކީ މުބާރާތުގައި ބައިވެރިވާ އެންމެ ހަނގު ދަރިވަރުކަމަށް ކީރިތި ގުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

މި ދަރިވަރު މުބާރާތަށް ރާއްޖޭގެ ފަރާތުން ހޮވިފައިވަނީ މެލޭޝިއާއިން މި މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ކުރިއަށްގެންދިޔަ އޮޑިޝަނުންވެސް ކޮލިފައިވުމުންނެވެ.

އެ މަރުކަޒުން ކުރި މަސައްކަތުން ބެލެނެވެރިއާއިއެކު މި މުބާރާތަށް ދިޔުމަށް އޭނާއަށް ފުރުސަތު ލިބިފައިވާއިރު މިއީ ރާއްޖޭގެ ކޮންމެ ފަރާތަކަށްވެސް ލިބިދާނެ ފުރުސަތެއްކަން އެ މަރުކަޒުން ފާހަގަކުރިއެވެ.

މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށްޓައި ވީހާވެސް ގިނަ ފަރާތްތަކުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވެސް އެދިފިފައި ވެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ 20 ވަރަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން، ގަދަ 10 އަދި ގަދަ 5 ގައި މީގެ ކުރިން ހިމެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    މި މިނަސްޓަރު އިސްލާމިކު މިނިސްޓްރީ ވަރުގަދަ ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި މިފެންނަނީ ކޮފީއާ ޕެނަޑޯލް ވިއްކާތަން! އެވެސް އެންމެ މާތްބިމުގައިހުރެ ނުހައްގު ވިޔަފާރި ކުރާތަން! މިއީ އިސަލާމިކު މިނިސްޓްރީ އަދި މިގައުމުގެ އިސްލާމީ ވަންތަކަން ބުލިޗުޖަހައި ދޮވެލާނެ! އެއްޖިއްްސުން ގުޅުން ހިންގުމުން ބަތާނެއްވެސް ނެރެލާން ނުކެރުނު!

    1
    1