ރާއްޖޭގައި އީ-ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަކޮށް އުފައްދަން ނިންމާފައިވާ އީ-ގޭމިން އެސޯސިއޭޝަން އުފެއްދުން އަވަސް ކުރަން ދަންނަވާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންދު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭގެ ގިނަ ޒުވާނުންތަކެއް އީ-ސްޕޯޓްސްގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އަދި ގިނަ ވަނަތަކެއް ބޭރުގެ މުބާރާތްތަކުން ވެސް ހޯދަމުންދާ ކަމަށެވެ. އެކުޅިވަރުތަކުގެ ޕްލޭންއާއި އަދި އެކަމުގައި ހުރި ގޮންޖެހުންތައް ސާފުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އީ ގޭމިން ކުރިއަރުވައި އަދި އެކަމަށް ނެޝަނަލް އެސޯސިއޭޝަނެއް ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ވެސް ކަމަށެވެ.

އެހެން ނަމަވެސް އެކަން ކުރަން ބޭނުން ވިޔަސް އޭނާއަށް އެކަން ނުކުރެވޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އެކަން ކުރަން މަތިކޮށްފައި މިއޮތީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް. އަޅުގަނޑަށް ސިޔާސަތުގެ ތެރެއިން އެ ދޭން ޖެހޭ ލަފާ ތަކުރާރުކޮށް ދެމުން މިދަނީ. ލިޔުމުން ވެސް އެކަން ވާނީ ވީހާވެސް އަވަހަކަށް ކުރިއަށް ގެންދަން އަންގާފައި." މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ޒުވާނުންތަކެއް އީ-ގޭމިންގެ ތެރޭގައި ޝާމިލުވެ ރަނގަޅު ނަތީޖާ ނެރެމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ކޮމަން ވެލްތު ގޭމްސްގައި ވެސް ޒުވާނަކު ވާދަކޮށްފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"މިއަދު މިތާ މަޖިލީހުގައި އިނދެވެސް ކޮމިޝަނާއަށް ދަންނަވައިފިން ހަމަ މި މަސައްކަތް ވީހަވެސް އަވަސްކޮށްދިނުމަށް" އޭނާ ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަލީހާ

    ތަންތަނަ އަރާ މޮޅެތި ވާހަކަ ދައްކާނެ ވަގު މަހުލޫފް

  2. ހައިރާން

    މިހާރު އުފައްދައިގެން ކާމިޔާބުކަމާއެކު އެތައް ޕްރޮގްރާމެއް ހިންގާ އެސޯސިއޭޝަންތަކުން ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް އަދި ތަމްރީނު ހޯދުމަށް ބޭނުންވާ ކަންކަން ނުކުރެވިގެން އެ އުޅެނީ ޤައުމީ ސްޓޭޓަސް ނުލިބިގެން. މިވަރުގެ ކުޑަކުޑަ ކަމެއް ނުވެގެން އެ އެސޯސިއޭޝަންތަކުން ސަލާންޖަހާތާ އެތައް ދުވަހެއްވެއްޖެ. އިހަށް އެ އެސޯސިއޭޝަންތަކުގެ ކަންކަން ނިންމާފައި ސައިބައިސާ ވާހަކަ ދައްކާ!