ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ 62 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ އެރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތުގެ 62 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށާއި ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އެ މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މިއީ 53.1 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު