އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ބަޖެޓު ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ބެޖެޓުގައި ބުނެފައިވާ ގޮތުން އަންނަ ރިޔާސީ އިންތިހާބަށް ވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިހާބުތައް ބާއްވަން ފަސް ލައްކަ ރުފިޔާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން 1.5 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

ނުވަދިހަ މިލިއަން ރުފިޔާގެ ބަޖެޓެއް ރިޔާސީ އިންތިހާބަށް ކަނޑައެޅި އިރު މިއީ އިލެކްޝަންސް ކޮމިޝަނުން އެދުނު އަދަދަށް ވުރެ ދަށް އަދަދެކެވެ. އިލެކްޝަނުން ބުނެފައިވާ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށް ބަލައި 120 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ،

އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަރުއްވާފައިވާ އެމްޑީޕީގެ ޓިކެޓް އަދި ހަވާލެއް ނުކުރެ އެވެ. އަދި ކެންޑިޑޭޓަކު ނެރެން ޕްރައިމަރީއެއް ބާއްވަން މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދޭން ނުފެންނަކަމަށް ވިދާޅުވެފަ އެވެ.