ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ފޯރާކަން ގަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް ހޯދަން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ފޮނުއްވި ސިޓީއެއްގައި ވަނީ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ފޯރާކަން ގަބޫލުކޮށް ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ގުޅިގެން ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާ ކަމަށެވެ.

އެހެންވެ، އެ ސިޓީ މަޖިލީހަށް ގެންނަވާ، އެ މައްސަލަ ބެލުމަށް ތޯރިގް ވަނީ އެދިލައްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވާފައިވާ ސިޓީއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމަށްވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމެޓީއަށް އެ ސިޓީ ގެންނަވާ، މި މައްސަލަ ބަލައިދެއްވުން އެދި ދެންނެވީމެވެ" ތޯރިގްގެ ސިޓީގައިވެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ރާއްޖޭން އިމުގެ މައްސަލާގައި ސިޔާސަތު ބަދަލުކޮށް، އިމުގެ ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ ކަމަށް ތުހުމަތުވާން ފެށުމާއެކު، ސަރުކާރު ތެރެއިންނާއި ބޭރުން ބައެއް ސިޔާސީ ފަރާތްތަކުން ގެންދަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. އެވާހަކަތައް ދެކެވެން ފެށީ ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެކަން ރާއްޖޭން ހާމަކުރުމާ އެކުގައެވެ.

ވެގެން މިއުޅެނީ ކީއް؟

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެންނާށެވެ. އަދި، އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސް އާއި ހަވާލުކުރުމަށެވެ.

މިގޮތުން، އެ ނިންމުން ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއީދުކުރިއެވެ. އެކަމަކު، އޭރު ރާއްޖޭން އައީ އެ ގަރާރާއި ދެކޮޅު ހަދަމުންނެވެ.

ބަދަލުވެގެން އުޅެނީ އެ ގަރާރާއިމެދު އޮތް ވިސްނުމެވެ. އެއީ، މޮރިޝަސް އިން އިނގިރޭސިވިލާތާއި ދެކޮޅަށް ކުރިޔަށް ގެންދާ މަސައްކަތެކެވެ. އަދި، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަން ނުވަތަ އިސްތިއުމާރުތައް ނައްތާލުމަށް އަބަދުވެސް ތާއީދުކުރާ ގައުމެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން ވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ވޯޓުލާން ނިންމައި، އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވިކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ހާމަކުރައްވާފައެވެ. ނުތަނަވަސްކަން ބޮޑުވެފައިވަނީ އެ ނިންމީ، ރާއްޖޭގެ އިމުގެ މައްސަލައިގާ ވެސް ދޫދިނުމަށް ކަމަށް ބުނެއެވެ. އެކަމަކު، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

މިކަމާއި ގުޅިގެން ކަންބޮޑުވާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ޗާގޯސް، މޮރިޝަސް އާއި ހަވާލުކުރުމުން އެމީހުންގެ ކަނޑުގެ އިން ކުރަހާއިރު ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެންދާނެ ކަމަށެވެ. އަދި، ރާއްޖޭން އެފަދައިން ތާއީދުކުރުމަކީ މޮރިޝަސް ކޮޅަށް އިމުގެ މައްސަލަ ނިންމުމަށް އޮތް ފުރުސަތެއް ކަމަށް ފާހަގަކުރެއެވެ.

މިގޮތުން، މޮރިޝަސް އަށް ޗާގޯސް ލިބުމުން އެކަމުގެ ފައިދާ ކުރާނީ އިންޑިއާއަށް ކަމަށާއި ކުއްލިއަކަށް ރާއްޖޭގެ ސްޓޭންޑް ބަދަލުވެގެން އުޅެނީ އެ ސަބަބަށްޓަކައި ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ކުރިން ރާއްޖޭގެ އިން ކުރެހުމުގައި އިސްކޮށް އުޅުއްވި ޑރ. މުނައްވަރު ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

އެކަމަކު، ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ ޗާގޯސް ހަވާލުކުރުމަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅިފައިވާ މުހިއްމު ނިންމުމެއް ކަމަށާއި އެ މައްސަލައާއި ރާއްޖޭގެ އިން ކުރެހުމުގެ މައްސަލައަކީ ވަކި ދެ މައްސަލައެއް ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަން

    ތާކުންތާކު ނުޖެހޭ މައްސަލައެއްގެ ތެރޭގައި އުޅެންހަދަގެން މުޅިގައުމު ދަވާލާއިރުވެސް ރޭކާނުލާ.

  2. އިސްމާޢީލް

    މި ފެންނަނީ ރަަޢީސް ސޯލިހާއި އެމްޑީޕީގެ ނުކުޅެދުންތެރިކަން. އަދި ދިވެހިރާއްގެ އިންޑިއާގެ މުށުތެރެއަށް ވެއޓިފައިވާ މިންވަރު.