އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށްނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނަގާފައިވާކަމަށް އިއްޔެ ހުށަހެޅި މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ވަގަށްނެގި ހަ ފުޅި ބަނގުރާ ފުލުހުންވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމީދޫ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.