މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނަހުލާ އަލީ ޕީޕީއެމްއިން ވަކިކޮށްފައި ހުއްޓާ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ހަމަނުޖެހުން އުފެދޭނެ ގޮތަށް ކެމްޕޭން ކުރަމުންދާ ކަމަށް އެ ޕާޓީން ބުނި ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާދަމާ ބާއްވާ ޕީޕީއެމް/ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކު ހޮވުމަށް ކުރީޣެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލަރ ނަޙުލާ އަންނަނީ ވާހަކަތަކެއް ދައްކަވަމުން ކަމަށެވެ.

ނަހުލާއަށް އަމާޒުކޮށް ނެރުނު ބަޔާނުގައި ވަނީ ދާއިރާ އިންތިޚާބުގައި ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާކަން ވަނީ ފާހަގަވެފައި ކަމަށެވެ.

ޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުންވެސް މި އިންތިޚާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއްވެސް ކުރަމުންދާކަމަށާއި، ނަހުލާ މި އިންތިޚާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމާއި، އަދި ޕާޓީގެ ރައީސް ގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރަމުންދާކަމަށް އެ ބަޔާނުގައި ވަނީ ފާޙަގަކޮށްފައެވެ. އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ވެސް އެބަޔާނުގައިވެއެވެ

ޕީޕީއެމްގެ ވާހަކަތައް ދޮގުކޮށް ނަހުލާވެސް މިހާރު ވަނީ ބަޔާނެއް ނެރެފަ އެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމްގެ ވިލިމާލެ ދާއިރާގައި ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅަކަށް ރައީސް ޔާމީން ނުކުރައްވާކަން އޭނާއަށް އެނގޭ ކަމަށާއި އެހެން ނަމަވެސް ރައީސް ޔަމީން ވަކި ބޭފުޅަކަށް ތާއިދު ކުރައްވާކަމަށް ވިދާޅުނުވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމްއިން މީގެ ކުރިންވެސް އޭނާއޭ ކިޔައިގެން ދޮގު ވާހަކަތައް ދައްކާފައިވާ ކަމަށާއި އަދި މިއީ އޭނާއާ ބެހޭ ގޮތުން ދޮގު ވާހަކަތައް ހިމަނައި ނޫސް ބަޔާން ނެރުނު ދެވަނަ ފަހަރު ކަމަށެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ވެސް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށްވާއިރު މި ހައްގު ބޭނުންކުރުމުގެ ސަބަބުން އަޅުގަނޑާއި އަޅުގަނޑަުގެ ނާގެ އާއިލާ ބަދުނާމުވާގޮތަށް ތަކުރާރުކޮށް ނޫސް ބަޔާންތަކެއް ނެރުމަކީ ގާނޫނު އަސާސީން އަޅުގަނޑާއި ލިބިދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގަށް ގެއްލުންވާ ކަމެކެވެ،" ނަހުލާގެ ބަޔާނުގައިވެއެވެ.

ނަހުލާ ވިދާޅުވީ އޭނާއާ އޭނާގެ އާއިލާއަށް ނިސްބަތްކޮށް ޕީޕީއެމް/ޕީއެންސީން ދޮގު މައުލޫމާތު ފަތުރާތީ މާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވަމުން ދާނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ހައްގުތައް ފުރިހަމައަށް ރައްކާތެރިކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.

ނަހުލާ އިތުރަށް ވިދާޅުވީ އޭނާއަކީ ވިލިމާލެ ދާއިރާގެ ކައުންސިލަރަށްވާއިރު، އެ ދާއިރާގެ މެންބަރުންނާއި ގުޅުން ހުރި ކަންކަމުގައި ދާއިރާގެ މެންބަރުންނާއި ބައްދަލުކުރުމަކީ އޭނާއަށް މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާއާ އެއްގޮތަށް ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެކަން ކުރުމުގައި ކުރިއަށް އޮތް ތަނުގައި ވެސް ސާބިތުކަމާއެކު ހުންނާނެ ކަމަށެވެ. އެހެންވެ ދާއިރާތަކުގެ މެމްބަރުންގެ ވާހަކަތައް އަޑުއަހާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު ސަލީމަށް ތާއިދު ކުރައްވާކަން ވެސް ނަހުލާގެ ބަޔާނުގައި ބުނެފައި އެވެ. އެއީ ސަލީމަކީ ފެށުނީއްސުރެ ވެސް ރައީސް ޔާމީންގެ އަރިހުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ، އަދި އެމަނިކުފާނުގެ ހީވާގި ގާނޫނީ ވަކީލުންގެ ޓީމުގެ މުހިންމު މެންބަރެއް ކަމުގައިވާތީ ކަމަށް ބަޔާނުގައި ވެއެވެ.

ނަހުލާ ޕާޓީން ވަކިކޮށްފައި ވަނީ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމުއިއްޔާގެ އިންތިހާބެއްގައި ޕީޕީއެމްގެ ކެނޑިޑޭޓަށް އެންޓި ކެމްޕޭންކޮށް އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތްކުރި މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    މިނަހުލާއަކީ މިހާރު ޕީޕީއެމަށްޖެހިފައިހުރި ފަންޏެކެވެ.

    10
  2. ދޮން ރަހާ

    ވަރަށް ހިތްވަރު ގަދަ ކުއްޖެއް

    1
    11
  3. ދަރަނި ދަންތުރަ

    ނަހުލާ އޭ ކިޔައިގެން އެއްވެސް މީހަކު ތެދެއްހެދިތަ ؟ ނަހުލާ ބުނެބަލަ ، ނަހުލާ މޫނު 500 ވޯޓު ހޮޅިބުރިއެއްހެން ދިއްލިފައި ތިހުއްނަނީ ވެސް އެހެން މީހުން ދޮގުހަދާ ތީތަ ؟

    2
    1