ގިނަ ބައިވެރިންތަކަކާއިއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ ޒުވާނުންނަށް ހާއްސަ ކޭމްޕް "ޒުވާނުންގެ ދިސާ" ނިންމާލައިފި އެވެ.

އެޗްޑީސީން އާއި ޔޫތް މިނިސްޓްރީ ގުޅިގެން އެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ފަރުކޮޅުފުށީގައެވެ. އެ ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ދުވަހުގެ މުއްދަތަށެވެ.

އެޗްޑީސީން ބުނީ، އެ ކޭމްޕްގައި 25 ޒުވާނުން ބައިވެރިވި ކަމަށާއި އެ ކުދިންނަށް ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

އެޗްޑީސީ "ޒުވާނުންގެ ދިސާ" ނިންމުގެ ހަފްލާގެ ތެރެއިން -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

މިއަދު ހަވީރު ފަރުކޮޅުފުށީގައި ބޭއްވި ހަފްލާއެއްގައި ކޭމްޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޗްޑީސީގެ ސީއޯއޯ ޝާތިރު އަބްދުއް ރަހުމާން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލް ވިދާޅުވީ، އެ ޕްރޮގްރާމްގައި ބައިވެރިންނަން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށާއި ތަމްރީނުން ލިބުނު އިލްމު ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ވެސް ހުސައިން ވަނީ ނަސޭހަތްވެވަޑައިގެންފަ އެވެ.

އެޗްޑީސީ "ޒުވާނުންގެ ދިސާ" ނިންމުގެ ހަފްލާގެ ތެރެއިން -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

"ޒުވާނުންގެ ކުރިއެރުމަށް ޔޫތް މިނިސްޓްރީން ކުރިއަށް ގެންދާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި ވަޒީފާގައި އުޅެމުން ވެސް ބައިވެރިވެވޭ އެކި ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް އެބަހުރި." ހުސައިން ވިދާޅުވިއެވެ.

އޭގެ އިތުރުން އެޗުޑީސީގެ ސީއޯއޯ ޝާތިރު އަބްދުއް ރަހުމާން ވިދާޅުވީ، ޒުވާނުން ކުރިއަރުވަން ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް އެޗުޑީސީއިން ކުރަމުންދާ ކަމަށާއި ޒުވާނުން ދާންވީ ދިމާ ދައްކައިދޭން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެޗްޑީސީ "ޒުވާނުންގެ ދިސާ" ނިންމުގެ ހަފްލާގެ ތެރެއިން -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީ އާއި ގުޅިގެން އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ޒުވާނުން ިބނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށެވެ.