ޗައިލްޑް ކެއާ ސްޕޭސްގެ ގޮތުގައި ކަނޑައަޅާ ތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅައި، ތަން ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް ޖެންޑާ މިނިސްޓްރީއިން އެކުލަވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގައި "ޗައިލްޑް ކެއާ ސްޕޭސް" ޤާއިމުކުރުން ވަޒީފާ އަދާކުރާ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ވަޒީފާއަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދަޢުލަތުގެ އެކި އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ސްޓެލްކޯގައި ޗައިލްޑް ކެއާ ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ.

ވަޒީފާއަދާކުރާ ތަނުގައި ޗައިލްޑް ކެއާ ސްޕޭސްގެ ގޮތުގައި ތަނެއް ގާއިމުކޮށް ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ދަށުން ކުރަންފެށި މަސައްކަތެއް ކަމަށާއި ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި އޯގާތެރި ސަރުކާރެއް ގާއިމްކުރުމަށް ހިމަނާފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް މި މަސައްކަތުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

ސްޓެލްކޯގެ ޑޭކެއާއަށް ރައީސް ސޯލިހު ކުރެއްވި ޒިޔާތަރުގެ ތެރެއިން--

މިނިސްޓްރީ އިން ބުނީ އޮފީސްތަކުގައި ގާއިމުކުރާ ޗައިލްޑް ކެއާ ސްޕޭސްގެ ސަބަބުން ވަޒީފާއަށް ދާ ފަރާތްތަކުގެ ތެރެއިން ކުދިން ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެކަނިވެރި މައިން ނުވަތަ ބަފައިން ވަޒީފާއަށް ނުކުތުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ޗައިލްޑް ކެއާ ސްޕޭސްގެ ސަބަބުން ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ވަޒީފާއަދާކުރާ މައިންބަފައިންނަށް ފުރުސަތުލިބިގެންދާނެ ކަމަށެވެ.

"ސަރުކާރުގެ އޮފީސްތަކުގައި ޗައިލްޑް ކެއާ ސްޕޭސް ގާއިމުކުރަމުންދާނީ އެ އޮފީހެއްގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ތަނުގެ ޖާގަ އާއި ވަސީލަތްތައް ހުރި މިންވަރަކުން. ދިމާވާ އެކި ސަބަބުތަކާ ހުރެ މަދު ވަގުތުކޮޅަކަށް ނަމަވެސް ކުދިން ގެނެސް ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބައިތިއްބަން ބޭނުންވާ މައިންބަފައިންނަށް އެ ފުރުސަތު ފަހިކޮށްދެވޭ މިންވަރަށް ވަޒީފާގެ މާހައުލުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް." މިނިސްޓްރީއިން ބުނެފައި ވެއެވެ.

އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާއިރު ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ކަނޑައަޅާ ތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅައި، ތަން ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.

އެފޮތުގައި ޗައިލްޑް ކެއާ ސްޕޭސް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ބޭނުންހިފޭނެ އަދި އެކަމަށް މަގުފަހިކޮށްދޭނެ ގިނަ މަޢުލޫމާތުވެސް އެކުލެވޭނެއެވެ. އަދި، މިފޮތުގައިވާ މަޢުލޫމާތުގެ ސަބަބުން ވަޒީފާއަދާކުރާ ތަންތަނުގައި ޤާއިމުކުރާ "ޗައިލްޑް ކެއަރ ސްޕޭސް" ގެ ކަންކަން ބެލެހެއްޓުމާއި، އެތަނުން ޚިދުމަތް ލިބިގަންނަ ކުދިންނަށާއި، އެކުދިންގެ މައިންބަފައިންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިދާރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.