ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ރިވެލި މައުރަޒު ހުޅުވައިފިއެވެ.

އެކަމަށް މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާއި، މައުރަޒު ހުޅުއްވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. އަރިހުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޖެންޑާ މިނިސްޓްރީއިން ބުނީ އެ މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް ހުށަހަޅާފައިވަނީ ފަސް ދާއިރާއަކުން ކަމަށެވެ.

އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ކާބޯތަކެތީގެ ދާއިރާ، ކުރެހުމުގެ ދާއިރާއާއި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން ކަމަށެވެ.

އެ މައުރަޒުގައި 95 ބައިވެރިންގެ އެފެއްދުންތައް ދައްކާލާފައިވާއިރު، އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައި ކަމަށް ވެސް މިނިސްޓްރީއިން ބުނެފައި ވެއެވެ. މައުރަޒުގެ ބައިވެރިންނަށް އެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ދެއްވައިފައިވާ ކަމަށެވެ

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ އެ މައުރަޒަކީ މިއަދުން ފެށިގެން މާދަމާއަށް ހެނދުނު 10:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އޮންނަ މައުރަޒެއް ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.