މިދިޔަ ބުދަ ދުވަހު، ދަންވަރުގެ ވަގުތެއްގައި މ. ނިރުފެހި ގޭގެ ތިރީބައިގައި ހުންނަ ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ނިރުފެހިގޭގެ އިމާރާތުގެ 26 މީހަކު އަލިފާން ރޯވި ވަގުތުގައި ތިބި ކަމަށެވެ.

ބައެއް މީހުނަށް ނިކުމެވުނު އިރު އަނެއް ބައި މީހުން ނުނިކުމެވުނު ކަމަށާއި ދިރިތިބި ދެ މީހަކު ނިރުފެހި ގެއިން ނެރިގެން ފަރުވާދެމުން ދަނިކޮށް އެކަކު މަރުވެފައިވާ ކަމަށާއި އަނެކަކަށް މިހާރު ވެސް ދަނީ ފަރުވާދެމުން ކަމަށެވެ.

"ކޮޓަރިތައް ހަދާފައި ހުރީ ލަނކުޑި ފިލާއިން، ފުރަތަމަ ފަންގިފިލާގައި 4 ކޮޓަރި، ދެވަނަ ފަންގިފިލާފައި 8 ކޮޓަރި ހުރި. ގަރާޖްގެ މައި ދޮރު ހުރީ ތަޅުލާފައ، ބާރުގަދަ އަޑު ފައްގަޑަކާއިއެކު ގަރާޖްގައި އަލިފާނުގެ ހުޅުގަނޑު ފެތުރުނީ. މި ހާދިސާގައި ބަންގްލަދޭޝް ދެ މީހަކު އަދި އިންޑިއާގެ 8 މީހަކު ވަނީ މަރުވެފައި." ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ މަރުވި މީހުންގެ ތެރެއިން ތިން އިންޑިއާ މީހެއްގެ ހަށިގަނޑު އެ މީހުންގެ ގައުމަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ. އަދި އިތުރު ބައެއްގެ ހަށިގަނޑު ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

ނިޔާވެފައި އޮއްވައި ފެނުނު މީހުންގެ ހަށިތައް ފެނުނު އިރު، ޖިންސު ވެސް ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.