ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓާޕޯލްގެ ހެޑް ކުއާޓަރުގައި މަސައްކަތް ކުރައްވާނެ ފުރަތަމަ ދިވެހި ފުލުހަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އިންޓާޕޯލްގައި ތިން އަހަރު ދުވަހަށް މަސައްކަތް ކުރުމަށް ޗީފް އިންސްޕެކްޓަރެއްގެ މަގާމުގައި ހުންނެވި ދިވެހި ފުލުހަކަށް ފުރުސަތު ލިބިފައިވާކަން ހަމީދު އިއުލާނު ކުރެއްވީ އޮކްޓޯބަރު 18 ވަނަ ދުވަހުއެވެ.

ހަމީދު މިއަދު ވިދާޅުވީ، ރިލްވާނަށް އިންޓަޕޯލްގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ލިޔުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން 3 އަހަރު ދުވަހަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ ކުރިން ހަމީދު ވިދާޅުވިގޮތުގައި، މިކަމުން ދައްކުވައިދެނީ ކުށް ކުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް ކަމަށެވެ.

"މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ފުލުހުންގެ ދިދަ އުފުލާލައި، ފުލުހުންގެ ގާބިލްކަން އިތުރަށް ކުރިއަރުވަން މަގުފަހިވެގެން ދާނެ". ހަމީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮލްބރާންތި

    ތިޔާގޮތަށް ގޮދަނޑި ޝާހިދުވެސް ދިވެހި ދިދަ ދުނިޔޭ އުސް ކުރިބޯއްޓައް އުފުއްލެވިއެވެ. އޭގެ ބަދަލު ތައުލަތުގެ ރިޒާވަށް އެއޮށްދަނީ އޮބިނޯވެގެންނެވެ. އޮބިނޯށްވަރުން އެއްއަހަރުގެ ކާޑާއި ތެޔޮގަންނާނެ ގޮތް ހުސްވަމުންދާކަން މާލީއިދާރާތަކުން ނެރެމުންދާ ރިޕޯޓްތަކުން ހާމަވެއެވެ. އަނެއްކާ ތިޔަކަލޭގެ ފުރާންސަށް ފޮނުވައިގެން އެތަނުގެ އެންމެ އިމާރާތުގެ ކުރިބޯށްޓައް ދިވެހި ދިދަ ހިއްލެވުމަށް ކުރަންޖެހޭ ހަރަދު ދެކޮޅުޖެއްސުމަށްޓަކައި ދިވެހި ކޮންމެވެސް ދަރިއެއް ގުރުބާންކުރަން ނުޖެހޭނެތޯ ސުވާލުއުފެދެއެވެ. މިދެންނެވީ ޒުވާނުންގެ ސައިކަލްގައި އޮންލައިން ސްޓިކާ ޖަހައިގެން ދައުލަތައް ބޮޑުއާއްދަނީއެއް ނުހޯދާނެތޯއެވެ. އަބަދުވެސް ރީތިބަސްބޭނުންކޮށްގެން ވައްކަންކުރުން.