ގައުމީ ދާރުލްއާސާރަށް އެއްވެސް އަގަކާއި ނުލައި ވަނުމުގެ ފުރުސަތު އިއްޔެ ހުޅުވާލުމާއެކު 1000 އަށްވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކުރި ކަމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ބުނެފި އެވެ.

ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމާއި ގުޅިގެން އެއްވެސް އަގަކާއި ނުލައި އިއްޔެ ގައުމީ ދާރުލްއާސާރަށް ވަނުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅިގެން 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައި ކަމަށެވެ.

އިއްޔެ ދާރުލް އާސާރަށް ހިލޭ ވަދެދުނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ.

ދާރުލް އާސަރަށް ވަނުމަށް ނަގާ ފީއަށް ބަލާއިރު 16 އަހަރުން މަތީގެ ދިވެހިންނަށް ނަގަނީ 20ރ. އެވެ. އަދި ފަސް އަހަރާއި 16 އަހަރާއި ދެމެދުގެ ދިވެހިންނަށް ނަގަނީ 10ރ. އެވެ.

އޭގެ ދަށް ކުދިންނަށް ހިލޭ ވަދެވޭއިރު، 65 އަހަރުން މަތީގެ ދިވެހިންނަށް ހިލޭ ވަދެވޭނެއެވެ. އަދި 16 އަހަރުން މަތީގެ ބިދޭސީން މިތަނަށް ވަންނަން 100ރ. ނަގާއިރު، 16 އަހަރާއި ފަސް އަހަރާއި ދެމެދުގެ ބިދޭސީ ކުދިންެގެ އަތުން ނަގަނީ 20ރ. އެވެ. އަދި ފްލެޝް ނުލާ ފޮޓޯ ނެގުމަށް 10ރ ޗާޖް ކުރެއެވެ.

ގައުމީ ދާރުލްއާސާރު ހުޅުވީ މުހައްމަދު އަމީން ދީދީ ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އެވެ. ގައުމީ ދާރުލްއާސާރު ހުޅުވީ 1952 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު އެވެ.

ކުރިން ގައުމީ ދާރުލްއާސާރު ހިންގަމުން އައީ މިހާރު ސަލްޓަން ޕާކްގެ ތެރޭގައި ހުންނަ އުސްގެކޮޅުގައެވެ. ދާރުލްއާސާރު ހިންގަން އާއިމާރާތެއް އަޅައި އެއިމާރާތް ހުޅުވީ 2010 ވަނަ އަހަރުގެ ޖުލައި 26 ގައެވެ. އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކޮށްފައިވާ އިމާރާތެކެވެ.