ފެމިލީ ކޯޓުގެ ފުރާޅުން ފެންފައިބާތީ އެކަން ހައްލު ކުރުމަށް ކަމަށް ބުނެ، އެ ކޯޓުގެ ފުރާޅު މައްޗަށް އެެރި މީހަކު ބޮޑު ވައްކަމެއް ކުރަން އުޅެނިކޮށް ހުއްޓުވައިފިއެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ބަންދަށް 40 ދުވަސް ވަނީ ޖަހާފައެވެ.

މާލެއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެ ޒުވާނާ ބަންދު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ، ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހުށަހެޅިފައިވާ ހާދިސާގެ ރިޕޯޓުން އޭނާ ފެމިލީ ކޯޓުގެ ފުރާޅު މައްޗަށް އަރައި އެ ފުރާޅު މަތީގައި ހުރި ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނު ކަމަށް ބުނެފައި ވެއެވެ.

އޭނާ ކޯޓުގައި ބުނެފައިވާގޮތުގައި، ފެމިލީ ކޯޓަކީ އޭނާގެ ގެއާ ޖެހިގެން ހުރި ތަނެކެވެ. އަދި އެތަނަށް އެރީ ފުރާޅުން ފެން ފައިބާތީ އެކަން ހައްލު ކުރަން ކަަމަށް އޭނާ ބުނެފައި ވެއެވެ.

އެހެން ނަމަވެސް ފެމިލީ ކޯޓުގެ އެޑްމިން އޮފިސަރަކު ފުލުހުންނަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ ފުރާޅަށް އަރައި އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނު ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އަދި ފުލުހުން އޭނާ ހުއްޓުވިއިރު އޭނާގެ ކައިރީގައި އޭސީ އައުޓްޑޯރ ޔުނިޓެއް ހުރި ކަމަށް ހާދިސާގެ ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    ހަހަހަހަހަހަހ..... ނަސީބެއްނު އެ ޗޯރު ޖަންގުޝަނުން ފެން އަރާތޯ ނުބެލިކަން. އޭރުން ނަމަ އެ ޗޯރު ފެމިލީކޯޓު ޖަންގުޝަން ވަގައްނަގާނެ.

  2. ބަރުގޮނު

    ތިޔަ ބަންދު ކުރެވުނު މީހާއަކީ ދަރުމައަށް މަސައްކަތް ކުރާ މީހެއްނު..!!! ފުރާޅުން ފެން ފޭބުން ޙައްލުކުރަން ކޯޓްން މަސައްކަތް ކުރާނަމަ ކޯޓްގެ ބަޖެޓްން ޚަރަދެއް ކުރަންޖެހޭނެ. ކޯޓްން ބުނި ބުނުމަކާ ނުލައި އޭނާ އެއޮތީ ފެން ފޭބުން ރަގަޅުކޮށްދޭން ފުރާޅަށް އަރާ.