މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އަންހެން ކައުންސިލް އިހްތިތާފް ކޮށްފިއެވެ.

ސީޑް ބައި ބީސީސީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަންހެން ކައުންސިލް އިފްތިހާހް ކޮށްދެއްވީ އެމްޖޭއޭގެ ރައީސް އަދި "ވަން" ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާންއެވެ.

އެމްޖޭއޭގެ އަންހެން ކައުންސިލްގެ ރައީސް އަކަށް އިންތިހާބުކޮށްފައި ވަނީ ކުރިން "މިހާރު" ނޫހާއި "ސަން އޮންލައިން" ގައި ވެސް މަސައްކަތް ކުރި އައިޝަތު މިހްނާ ނާސިހްއެވެ. ވައިސް ޗެއާއަކަށް އިންތިހާބުކޮށްފައި ވަނީ ސަންގު ޓީވީގައި މަސައްކަތް ކުރަމުން އަންނަ މާހަތު ހުސެއިންއެވެ. ސެކްރެޓަރީ ޖެނެރަލްއަކަށް އައްޔަން ކުރީ "އަދަދު" އޮންލައިންގައި މަސައްކަތް ކުރާ ނިމާ ހަސަންއެވެ.

އެމްޖޭއޭ އިން ރޭ ބޭއްވި އިވެންޓު. ---ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެމްޖޭއޭގެ އަންހެން ކައުންސިލް:

  • އަންހެން ކައުންސިލްގެ ޗެއާ: އައިޝަތު މިހްނާ ނާސިހް
  • ވައިސް ޗެއާ: މާހަތު ހުސެއިން (ސަންގު ޓީވީ)
  • މެމްބަރު: ފާތުމަތު ސައުޝަން އަލީ (ވަގުތު އޮންލައިން)
  • ސެކްރެޓަރީ ޖެނެރަލް: ނިމާ ހަސަން (އަދަދު އޮންލައިން)
  • މެމްބަރު: ރިފާ ހަލީލް (ވަން އޮންލައިން)
  • މެމްބަރު: ޝަހުދާ އަލީ (ދައުރު އޮންލައިން)
  • މެމްބަރު: އިފްރާޒް އަލީ (މިހާރު އޮންލައިން)

އަންހެން ކައުންސިލަކީ އަންހެން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އެންމެހާ ކަންކަން ދެނެގަތުމަށް އުފައްދާ ކައުންސިލެކެވެ.

މި ކައުންސިލްގެ މައިގަނޑު މަގްސަދަކީ އަންހެން ނޫސްވެރިންނާއި އެމީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަންކޮށް އެމްޖޭއޭގެ އެސްކޯ އަށް ދޭން ޖެހޭ ލަފާތައް ދިނުމެވެ.

އެމްޖޭއޭ އިން ރޭ ބޭއްވި އިވެންޓު. ---ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ކައުންސިލްގައި ހިމެނެނީ ހަ މެމްބަރުންނެވެ. އެއީ ފަސް އަންހެން މެމްބަރުންނާއި އެއް ފިރިހެން މެމްބަރެކެވެ.

އެމްޖޭއޭއަކީ ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ނޫސްވެރިން ކުރިއެރުވުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި ރަޖިސްޓްރީކޮށްފައި ތިބި ނޫސްވެރިންގެ އަދަދު 150 އަށް ވުރެ މައްޗެވެ.