އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދެކުނު ޕޮލިސް ރީޖަން ( ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ ހަތް ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 41 އަހަރު ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 8 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، "ވަގުތަށް" އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީގައެވެ. އަދި ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ ދުވަހަކުން ދުވަހެއް ދަނީ އިތުރުވަމުން ނެވެ. ޖެންޑާގެ ތަފާސް ހިސާބުތަކުންވެސް ކޮންމެ މަހަކު އެންމެ ގިނައީ ކުދިންނަށް ކުރާ އަނިޔާ އެވެ.