ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދުވެސް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. އެއީ މިއަދު މެންދުރު 3:00 އިން ރޭނގަޑު 9:00 އަށެވެ.

ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ދެމޫސުން ބެދޭ ދުވަސްވަރު އާއްމުކޮށް ކޮންމެ އަހަރަކު ވެސް މިދުވަސްވަރު ކުރާ ވިއްސާރައެވެ. މިހާރު ކުރަމުން އަންނަ ވިއްސާރަ ހަފްތާއެއްހައި ދުވަހަށް އަދި ދިގު ދެމިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާ ކަނޑުގައި މިހާރު އުފެދިފައިވާ ތޫފާންގެ ނުސީދާ އަސަރު ވެސް އަންނަނީ ރާއްޖެ އަށް ކުރަމުންނެވެ.