މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދ .މީދޫ އަދި ބ. ތުޅާދޫގައި ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ، މީދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން އިއްޔެ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ތުޅާދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ތުޅާދޫ ޕޮލިހާއި އޭދަފުށީ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފަައިވަނީ 20 އަހަރުގެ ދިވެހިި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެ ކޯ ޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި ފަސް ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރިއިރު، އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.