މާލެ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑަށް މުވައްޒަފުން ނަގަން ނިންމައިފި އެވެ.

ކުޑަގިރި އަށް މުވައްޒަފުން ނަގަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ވަނީ އޯޕަން ޑޭއަށް ވެސް ބާއްވަން ނިންމައިފަ އެވެ.

އެ އޯޕަން ޑޭ ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި ކުރިއަށްދާ އެ އޯޕަންޑޭ ހެޑް އޮފީހުގައި އޯޕަން ޑޭ ހެނދުނު ނުވަޔަކުން މެންދުރު ފަހު ތިނަކަށް ކުރިއަށްދާނެ އެވެ.

ކުޑަގިރިއަށް 17 މުވައްޒަފުން ނަގަން ވަނީ ނިންމައިފަ އެވެ. އެ މީހުންގެ މުސާރަަތައް އުޅެނީ 8،500-23،500 ރުފިޔާއާ ދެމެދު އެވެ.

ޕްލޭނުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މީގެ ހަފްތާއެއް ކުރިން "ވަގުތަށް" ވިދާޅުވީ ކުޑަގިރި މި މަހުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދި ހުޅުވާނެ ތާރީހެއް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ކުޑަގިރި ހުޅުވުމަށް ލަސްވަމުންދަނީ މަސައްކަތްތައް އަދިވެސް ނުނިމޭތީ ކަމަށެވެ. މިހާރު ކުރިއަށްދަނީ ބައެއް ކުދިކުދި މަސައްކަތްތައް ކަމަށް ވެސް ވިދާޅުވި އެވެ.

ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ކުރިއަށްގެން ގޮސްފައި ވަނީ އެމްޓީސީސީންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި އެމްޓީސީސީން ފެށި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި 397.27 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.

އެގޮތުން 3.3 ހެކްޓަރުގެ އެ ބިމުގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާދޭ ކޮޓަރިއެއް ހެދުމަށް ވެސްސަރުކާރުން ރާވާފައިވެއެވެ. އެކަމަކު، ސަރުކާރުން ފަހުން ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މީގެ ކުރިން ކަނޑައަޅާފައި އޮތް ރަށަކީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް މިހާތަނަށް އައިއިރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ފުރަތަމަ 100 ދުވަސްތެރޭގަނުވިއަސް ފަހު100 ދުވަހުގެތެރޭގަ ނިންމާލެވުންވެސް އެއީ ހައުސިންމިނިސްޓަރގެ ގާބިލްކަން ހާމަވާކަމެއް ޝުކުރިއްޔާ މިނިސްޓަރ

    3
    4
  2. ޙަނދުކޭތަ

    ރީނދޫ ލިބާސްލީ ކުދިންނައް ތިތަނުން ވަޒީފާލިވޭނީ އިންތިހާބު މިއޮތީ ތަލަމަތީގަ ސޯލިހަކީ ދުވާދީފަ ހުރި އެތިފަހަރެއް