އިންޑިއާގެ 18 ވަނަ ގައުމީ ޖަމްބޮރީގައި ބައިވެރިވުމަށް ރާއްޖެއިން ފުރަން ތައްޔާރުވަމުންދިޔަ ސްކައުޓުންތަކެއް ދެކޮޅު ޓިކެޓަށް ފައިސާ ދައްކާފައި ވަނިކޮށް، ޓިކެޓަށް އިތުރު ފައިސާ ހަރަދުވާ ކަމަށް ބުނެ، އިތުރަށް ފައިސާ ދައްކަން އެންގުމުން، މިހާރު ދާން ބޭނުން ނުވާ ދަރިވަރުންތަކެއްގެ ފައިސާ އަނބުރާ އެއްކޮށް ނުދޭން މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނުން ނިންމި ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ނެރުނު ސާކިއުލާގައި ވަނީ އެ ޖަމްބޮރީގައި ބައިވެރިވާ ފަރާތްތަކުން ފައިސާ ދައްކަން ޖެހޭ ސުން ގަޑިއަކީ ޑިސެމްބަރު ހަ ވަނަ ދުވަހުގެ 2:00ގެ ކުރިން ކަމަށް ބުނެފައެވެ.

އެގޮތުން ދަރިވަރަކަށް 6،692.28ރ އާއި 150 ޑޮލަރު ދެއްކުމަށް އެއިރު އެ އެސޯސިއޭޝަަނުން އަންގާފައި ވެއެެވެ. އެ ފީގެ ތެރެއިން 150 ޑޮލަރަކީ ބައިވެރިވުމަށް ދާ ހަރަދެވެ. އަދި އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި 771ރ. އަދި ދެކޮޅު ޓިކެޓަށް 5،370ރގެ އިތުރުން ޓްރެވެލް އިންސުރެންސްއަށް 524.28ރ ނަގަން އެއިރު ކަނޑައަޅާފައި ވެއެވެ.

އެ އެންގުމުގައި ޓިކެޓުގެ އަގަށް ބަދަލުތަކެއް އަތުވެދާނެކަމަށް ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ފަހުން އެ އެސޯސިއޭޝަނުން ވަނީ ޓިކެޓަށް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށް އަންގާފައެވެ. އެގޮތުން އިތުރަށް ކޮންމެ ދަރިވަރަކު 1،300ރ ދައްކަން އެންގިއެވެ.

ނަމަވެސް މިކަން ބައެއް ބެލެނެވެރިންނަށް ކަމަކު ނުދިޔައެވެ. އެ ބެެލެނެވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އިތުރަށް ފައިސާ ދައްކަން ޖެހޭ ނަމަ ކުދިން ފޮނުވަން ފަސްޖެހޭ ކަމަށް ބުނެފައެވެ. އަދި އެ ކުދިން ދައްކާފައި ހުރި ފައިސާ ރީފަންޑްގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖައްސާ ދިނުމަށް ދިނުމަށް އެދުނެވެ. އެ އެދުމާ އެއްގޮތަށް އެ އެސޯސިއޭޝަންގެ އިސް ބޭފުޅަކު އެ ގްރޫޕްގައި ވަނީ މި މަހުގެ 15ގެ ކުރިން ރީފަންޑަށް އެދޭ ފަރާތްތަކުން އެކަން ކޮށްދިނުމަށާއި، އޭގެ ފަހުން ރީފަންޑް ދެވެން ނެތް ކަމަށް ބުނެފައެވެ.

މިކަމާއި ބައެއް ބެލެނެވެރިން ވާހަކަ ދެއްކުމުން ކޮމިޝަންގެ ފަރާތުން ގްރޫޕްގައި ވާހަކަދެއްކި އިސްމާއިލް ރިފާއު ވިދާޅުވީ، މިއީ ޕީކް ސީޒަން ކަމުން އަދި ކުދިންގެ އަދަދު ގިނަވުމުން ލޯ ފެއާގައި ޖާގަ ލިބެނީ އެކި ފްލައިޓްތަކަށް ބަހާލައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ދެ އެއާލައިން ކޮމްބައިންކޮށް ލިބުނު ފެއާތަކުން އަރާ ޖުމްލަ އަދަދު، ހުރިހާ ކުދިންގެ މައްޗަށް ބަހާލީމަ ބޮލަކަށް ދައްކަން ޖެހޭ އަދަދު 1،300ރ އަކީ". އޭނާ އެ ގްރޫޕްގައި ވިދާޅުވެފައި ވެއެވެ.

އެނގިފައިވާގޮތުން މި ކުދިން ފުރުމަށް ދެ ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ.

ބައެއް ބެލެނިވެރިން ބުނެފައިވާ ގޮތުގައި، އެ އެސޯސިއޭޝަނުން ރީފަންޑް ދޭނެ ކަމަށް ބުނެފައިވާއިރު، އެއްކޮށް ފައިސާ ލިބޭނެ ކަމަށް އެެއިރު ހީވެފައި އޮތް ކަމަށެވެ.

ރާއްޖެއިން މި ޖަމްބޮރީގައި 150 އަށްވުރެ ގިނަ ދަރިވަރުންނާއި ސްކައުޓް އެސޯސިއޭޝަންގެ އިސް ލީޑަރުން ބައިވެރިވެއެވެ.

"ވަގުތު" އާ ވާހަކަދެއްކި ބެލެނެވެެރިއަކު ބުނިގޮތުގައި، ރާއްޖެއިން މިހާ ގިނަ އަދަދެއްގެ ދަރިވަރުން ދާއިރު، ރާއްޖޭގެ އެއާލައިނަކާއި ވާހަކަދައްކައިގެން އިތުރަށް ފައިސާ ނުނަގާ ދަތުރު ހަމަޖެއްސިދާނެއެވެ. އޭނާ ބުނިގޮތުގައި، އިތުރަށް 1،300ރ. ޓިކެޓަށް ދައްކަން އެސޯސިއޭޝަނުން އެންގިއިރު، އަތޮޅު ތެރޭގެ ދަރިވަރުން މާލެ އަށް ދިއުމަށްވެސް ގިނަ ހަރަދުތަކެއް ހިނގައެވެ.

"އަޅުގަނޑުމެން މި ބުނަނީ ތިއީކީ ރަނގަޅު ގޮތެއް ނޫނޭ، މިކަމަށް އިތުރު ސޮލިއުޝަނެއް އޮތްތޯ ބަލާ ދިނުމަށް، ބުނީމަ ބުނަނީ ނެތޭ ވާކަށް، އެހެންވީމަ އަޅުގަނޑުމެން ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެން ބައިވެރި ނުވާން، އިތުރަށް ފައިސާ ދައްކަން އެއްވެސް މީހަކަށް ފަސޭހައެއް ނޫން، އަޅުގަނޑުމެން އެގޮތަށް ނިންމާފައި ސްކައުޓް އެސޯސިއޭޝަނުން އެކަމާއި އިސްކޮށް އުޅޭ ފައުޒޫން އާ ވާހަކަދެއްކިން، ފައުޒޫން ކައިރީގައި އަޅުގަނޑުމެން މި ދެންނެވީ ބައިވެރި ނުވާ ކަމަށްވާ ނަމަ ރީފަންޑް ލިބޭނެ އެއްވެސް އުސޫލެއް އިންނަތޯ، ބުނީމަ ބުނީ ޑިސެމްބަރު 15ގެ ކުރިން މެއިލް ކުރާށޭ ބައިވެރި ނުވާނެ ކަމައި، ރީފަންޑް ބޭނުންވާ ކަަމަށް". އެ ބެލެނެވެރިޔާ ބުންޏެވެ.

އޭނާ ބުނީ އެއިރުވެސް ރީފަންޑް ކުރުމުގެ އުސޫލެއް އޮތް ވާހަކަ އަންގާފައި ނުވާ ކަމަށެވެ.

ނަމަވެސް ރީފަންޑު ދިނުމުގެ އުސޫލެއް ސްކައުޓް އެސޯސިއޭޝަންގައި އޮންނަ ކަމަށް މިއަދު އެންގި ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން އަޅުގަނޑުމެންނަކަށް އެއްވެސް ޕޭރެންޓަކަށް ނެތް އަންގާފައެއް ރީފަންޑް ދޭއިރު، ހުރިހާ ފައިސާއެއް ނުލިބޭނެ ކަަމަށް".

މިއަދު ނެރުނު ރީފަންޑް ދިނުމުގެ އުސޫލުގައި ބުނެފައި ވަނީ، 16 ޑިސެމްބަރުގެ ނިޔަލަށް އެޑްމިން ފީގެ ގޮތުގައި ދައްކާފައިވާ ފައިސާ ކެނޑުމަށްފަހު ބާކީ ފައިސާ ރީފަންޑް ކޮށްދޭނެ ކަމަށެވެ. އަދި 16 ޑިސެމްބަރުގެ ފަހުން އެޑްމިން ފީގެ ގޮތުގައި ދައްކާފައިވާ ފައިސާ ކެނޑުމަށްފަހު އެއާލައިންއިން ދޭ ރީފަންޑް އަދި ބާކީ ދައްކާފައިވާ ފައިސާ ރީފަންޑްކޮށްދޭވެނެ ކަަމަށް ބުނެފައި ވެއެެވެ.

ޑިސެމްބަރު 25 ގެ ފަހުން ޖަމްބޮރީގައި ބައިވެރިނުވާން ނިންމާ ފަރާތްތަކަށް ދެވޭނީ ހަމައެކަނި އެއާލައިންތަކަށް ދައްކާފައިވާ ފައިސާއިން އެފަރާތްތަކުން ރީފަންޑް ދިނުމަށް ނިންމާ ފައިސާ އެކަނި ކަމަށް ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން "ވަގުތު" އާ ވާހަކަދައްކަމުން އިންޓަނޭޝަނަލް ކޮމިޝަނަރ މުހައްމަދު ފައުޒޫން ވިދާޅުވީ، ޕޮލިސީއެއް އިންނަ ކަމަށާއި، އެ ޕޮލިސީގައި ދައްކާ ފައިސާތަކުގެ ތެރެއިން އެޑްމިނިސްޓްރޭޓިވް ފީ ފިޔަވާ އެހެން ހުރިހާ ފައިސާ އެއް ރީފަންޑް ކޮށްދޭނެ ކަމަށެވެ.

"އެގޮތަށް އަޅުގަނޑުމެން ރީފަންޑް ކޮށްދެން ބެލެނެވެރިންނާއި، ހުރިހާ ފައިސާއެއް".

އެ ޖަމްބޮރީއަށް ދިއުމަށް ދެއްކި ހުރިހާ ފައިސާތަކެއް ނުލިބޭނެކަން ކުރިން އަންގާފައި ނުވާ ކަމަށް ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކައުޓް ގްރޫޕްތަކަށް އިންޓަނޭޝަނަލް ޕާޓިސިޕޭޝަން ޕޮލިސީ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި ހުރިހާ މަސައްކަތްތަކެއްވެސް ދަނީ އެ ޕޮލިސީއާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މުޙައްމަދު

    ސްކައުޓް ޖަމްބޮރީ ބާއްވާށޭ ކިޔައިގެން 2019 ވަނަ އަހަރު ސްކޫލު ތަކުގެ ދަރިވަރުންގެ އަތުން ނެގިފައިސާ ވީތަނެއްވެސް ނޭގޭ! އެކަމާއި ސުވާލުކުރުން ޖަވާބެއް ދެވޭނެ ބޭފުޅެއް ނެތް! ދިވެހިރާއްޖޭގެ އެތައް ސުކޫލަކުން ޖަމްބޮރީގައި ބައިވެރިވާން ފީދެއްކި! ޖަމްބޮރިއެއް ނުބާއްވާ! އެއްވެސް ލާރިއެއް ނުލިބޭ!

  2. އަހުމަދު

    އަހަރެންގެ މައިންބަފައިން އެއްމެ 1300/-ހަރަދުވެދާނެތީ ލިބޭ ފުރުސަތަކުން މަހުރޫމެއް ނުކުރާނެ

    4
    3
  3. ނުބުނާނައް

    އެއީ ހަމަ އެސޯސިއޭށަން ގަ ތިބި މީހުންނައް ލާރި ހަމަކުރާންވެގެން ކުރިއައް ގެންދާ ބޮދު ޖަރީމާއެއް
    ހަމަ ސީދާ ޕޭރެންޓުން އަތުން ވައްކަން ކުރަނީ

    7
    2
    • އައްޑޫ މީހާ

      މީކީ މައްސަލަ އެއް ނޫން. އެއޯތީ 50 ޑޮލަރު ކަނޑާފައި ބާކީ ދޭނަމޭ. ދެން ކޮބައި ކަންބޮޑުވުމަކީ. ހިތް ހަމަ ޖައްސާލާ. ކޮންމެ ކަމެއް ސިޔާސީ ނުކުރަމާ.

      3
      2
  4. ޑިރަމަޒީ

    ޖައްބާރުންގެ އަންބިންނާ ދަރިން ނުވާނެ ތަންތަނަ ފޮނުވާކަށް

    • ޖާއްލޯ

      ކަލޭ ތިބުނީ ނިލަންދޫ މީހުންނަކީ ޖައްބާރުންނޭތަ؟

  5. ނިލަންދޫ ބޭރި

    އަމިއްލަ މަތިންދާ ބޯޓެއްގައި ސީދާ ގެއިން ރާޖިސްތާނަށް ދިޔަނަމަ މިހެން ނުވީސް

    • ނާހަމަ ތެދެއް

      ސީދާ ނިލަންދޫއިން ނައްޓާލާ ގޮތަށް

  6. މަސްވެރިޔާ

    އަހަންނަކީ އައްޑޫ ނިކަމެތި މަސްވެރިއެއް މަވެސް މަގޭ ދަރި އެބަ ފޮނުވަން. އެއޮތީ އިޢުލާނު ގައި ވެސް އަގު ބޮޑު ވެދާނެޔޭ

    2
    1
    • ފޮނު

      ދެން ފޮނުވައިގެން އޮވެބަލަ

  7. ހަމަ އާރން

    ހަމަ ސީދާ އެސޯސިއޭޝަނުން ވައްކަންކުރަނީ!!

    • ނިޒާމީ ކުރިކެޓު

      އާއްޗާ!!! ގަދަ ކަލޭ!!!

  8. ށޮޑީޣް

    އެސޯސިއޭޝަނުގައި ވެސް ތިބީ ޖައްބާރުން! ހުސް ޖައްބާރުން! އަޅުގަނޑައް ހީވަނީ ސްކޭން އެއްހެން!

  9. ނިޔައްޓޭ

    މީ ތަންފުކެއް ބޮޑުވަރު އަހަރުން ނޫޅެން ތިޔަތަނަކަށް ލާރިދީގެން އިންޑިއާއަށް ދަރިން ފޮނުވާކަށް. މީ މިއުޅޭ އުބުޝޭމުގެ އޯޑަރަށް ހިންގާ ލާދީނީ ތަނެއް.

    1
    1
  10. ގަބުޅި

    އެމް.އެމް.ޕީ.އާރް.ސީ އަށް ވުރެ ޖައްބާރު ވަގުން އުޅޭ ތަނެއް މީ

    • ވިއްކާލި އަތޮޅު

      އެމްއެމްޕީއާރްސީ ވަގުން އެންމެ ގިނަ ރަށަށް ތިޔަކަމެެއްވެސް އިނގޭނީ

    • ކަތީބު

      ބޮލަކަށް ހުރީ ގަބުޅި އެއް ދޯ