ގިނަ ޤައުމުތަކެއްގެ ސްކައުޓް ކުދިން ގެންގޮސްގެން ސައުތު ކޮރެއާގައި ބޭއްވި ވޯލްޑް ސްކައުޓް ޖަމްބޮރީގައި ގިނަ ގައުމުތަކެއްގެ ސްކައުޓް ކުދިިން ޖަމްބޮރީ ދޫކޮށް ގެންދަން ޖެހުނީ މޫސުމާއި ގުޅިގެންކަމަށް ހަބަރުތައް ބުނެފިއެވެ.

ވޯލްޑް ސްކައުޓް ޖަމްބޮރީއަކީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އޮންނަ ޖަމްބޮރީއެކެވެ. ކޮންމެ ފަހަރަކުވެސް މި ޖަމްބޮރީ އޮންނާނީ ތަފާތު ގައުމެއްގައެވެ. މި އަހަރުގެ ޖަމްބޮރީ ސައުތު ކޮރެއާގައި އޮތް އިރު، މި ޖަމްބޮރީގައި ރާއްޖެއިންވެސް ބައިވެރިވެ ގިނަ އަދަދެއްގެ ސްކައުޓް ކުދިން ފޮނުވާފައިވެއެވެ.

ސައުތު ކޮރެއާގައި ބޭއްވުނު 2023 ގެ ވޯލްޑް ސްކައުޓް ޖަމްބޮރީގައި 40،000 ވުރެ ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުން ހިމެނޭކަމަށްވެއެވެ. 158 ގައުމަކުން މިހާ ގިނަ ކުދިން އެއްވެގެން ބާއްވާ ސްކައުޓް ކޭމްޕެއްގައި ސަމާލުވެ ދުރާލާ ބަލަންޖެހޭނެ ބައިވަރު ކަންކަން ހުންނާނެއެވެ. ނަމަވެސް އެންމެ އެދެވޭ ވަރަށް މޫސުން ދިރާސާކޮށް ބެލިފައި ނެތުމުގެ ސަބަބުން މި ސްކައުޓް ޖޮމްބަރީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނީއެވެ.

މޫސުން ގޯސްވެ ހޫނު ގަދަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުދިން ބަލިވެ ފަރުވާދެމުން އަންނަކަމަށް ހަބަރު ލިބެއެވެ. އެ ސަރަހައްދުގެ ހޫނުމިން 35 ޑިގުރީ ސެލްޝިޔަސްއަށް އަރާފައިވާއިރު ހޫނަށް މާބޮޑަށް ނިކުތުމުގެ ސަބަބުން ގިނަ ކުދިން ޑީހައިޑްރޭޓް ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަމުގެ ސަބުބުން ސްކައުޓުގެ އެހާ ގިނަ އަދަދެއްގެ މީހުން އެހެން ތަނަކަށް ބަދަލުކުރަންް ޔޫކޭ ސްކައުޓް އެސޯސިއޭޝަންއިން އެކަނިވެސް 1 މިލިއަން ޕައުންޑު ހަރަދުވާނެކަމަށް ހާމަވެފައިވެއެވެ. މިވަރުގެ ބޮޑު ހަރަދެއް ކުރަން ޖެހުމުގެ ސަބަބުން ޔޫކޭ ސްކައުޓް އެސޯސިއޭޝަންއިން ބުނެފައިވަނީ އެ އެސޯސިޝަންއިން ކުރިއަށް އޮތް 4 އަހަރަށް ކޮށްފައިހުރި ޕްލޭންތަކަށް ބުރޫ އަރާނެކަމަށެވެ.

މިކަންކަމުގެ ސަބަބުން ބޮޑެތި ގިނަ ގައުމުތަކަކުން މިހާރު ވަނީ އެގައުމުގެ ސްކައުޓް ޓީމުތައް ކޭމްޕް ސައިޓުން ވަކިކޮށް ދުރު ހިސާބުތަކުގެ ހޮޓެލްތަކަށް ބަދަލުކޮށްފައެވެ. މި ގައުމުތަކުގެ ތެރޭގައި ބްރިޓިޝް، ޔޫ އެސް އަދި ސިންގަޕޫރުވެސް ހިމެނެއެވެ. ސަބަބަކީ ސައުތު ކޮރެއާގެ ސަރުކާރުން ވެސް އިތުރަށް މި އިވެންޓު ކުރިއަށް ގެންދިޔުން ރަނގަޅު ނޫންކަމަށް ބުނެފައިވާތީއެވެ.