ރ. ދުވާފަރު ކައުންސިލުން މިދިޔަ އަހަރު މާލިއްޔަތު ގަވައިދާ ޚިލާފަށް އެތައް މިލިޔަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ "ދުވާފަރު ކައުންސިލްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް"ގައިވާ ގޮތުން ދުވާފަރު ކައުންސިލުން ވަނީ ބިޑް ކުރުމެއް ނެތި އަދި ބިޑް ކޮމިޓީއަށް އެންގުމެއް ނެތި 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މާލިއްޔަތު ގަވާއިދު ބުނާ ގޮތުން 35،000 ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އާއްމު އިއުލާނަކަށް ގޮސް ބީލަމަށް ހުޅުވާލަން ޖެހެއެވެ.

ފޯމު ފުރިހަމަ ކުރުމެއް ނެތި 1.6 މިލިޔަން ރުފިޔާގެ ތަކެތި ހޯދުން

މުދަލަށް އޯޑަރުކުރާ ފޯމު ފުރިހަމަ ކުރުމެއް ނެތި 1.6 މިލިއަން ރުފިޔާގެ ތަކެތި ކައުންސިލުން ވަނީ ހޯދައިފައެވެ. ނަމަވެސް އެތަކެތި ކައުންސިލް އިދާރާއަށް ލިބުނުކަމާއި، ލިބުނު ތަކެތި އެ އިދާރާއަށް ބޭނުންކުރެވޭ ފެންވަރުގައި ހުރިކަން ލިޔެކިޔުމުން ކަށަވަރު ކުރެވިފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ކައުންސިލަށް ލިބޭ ފައިސާ ގަވައިދާ އެއްގޮތަށް ނުބެލެހެއްޓުން

ކައުންސިލް އިދާރާއަށް ލިބޭ ފައިސާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ބަލަހައްޓާފައި ނުވުމާއި، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާ ނުކުރުމުގެ އިތުރުން ކައުންސިލްގެ ތިޖޫރީން ނަގާފައިވާ 242،000 ރުފިޔާ ޚަރަދުކުރި ގޮތް އެނގެން ނެތުމާއި، އޭގެ ތެރެއިން 130،000 ރުފިޔާ ކައުންސެލަރަކާ ހަވާލުކުރިކަން އެނގެން އޮތް ނަމަވެސް އެ ފައިސާ ވެސް ޚަރަދުކުރިގޮތް އެނގެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ބުުނެފައިވެއެވެ.

ކައުންސިލްގެ ސްޓޮކް ރަނގަޅަށް ނުބެލެހެއްޓުން

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ކައުންސިލްގެ ސްޓޮކް ރަނގަޅަށް ނުބަލަހައްޓައެވެ. އަދި ހަރު މުދަލުގެ ރަޖިސްޓްރީ ވެސް ގަވާއިދުން ބަލަހައްޓާފައެއް ނުވާއިރު މިދިޔަ އަހަރު ކައުންސިލަރުން ކުރި ދަތުރުތައް ސައްހަ ނުވުމާއި ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވެއެވެ.

މީގެއިތުރުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅާފައި ނުވާއިރު ކައުންސިލުން އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވަން ޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި ވެސް ވަނީ އިހުމާލުވެފައެވެ.

އޮޑިޓް ރިޕޯޓުގައި ދުވާފަރު ކައުންސިލްގެ ބޮޑެތި އިހުމާލުތައް ފާހަގަކޮށްފައިވާއިރު ކޮރަޕްޝަން މައްސަލަތަކުގައި ދުވާފަރުގެ ހުރިހާ ކައުންސިލަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އޭގެ ފަހުން ކައުންސިލް ހިންގުން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހާ ހަވާލުކުރި ނަމަވެސް އޭނާވެސް ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭތީ ވަނީ ސަސްޕެންޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަކުނި

    ދުވާފަރު އެކަންޏެއް ނޫން. އެހެން ރަށްތަކުގެ ހާލަތަކީވެސް ތީ. މިމަހު އެކަނިވެސް ކިތަންމެ އޮޑިޓް ރިޕޯޓެއް އެބަހުރި އޮޑިޓު އޮފީސް ވެބްސައިޓުގަ. ބަލާލީމަ އެނގޭނެ އެހެން ރަށްތަކުގެ ހާލު. ގިނަ ރަށްތަކުން އޮޑިޓު ކުރަން ޑޮކިއުމަންޓުތައްވެސް ނުދޭ، ދޭނަމަ އެނގޭނީ އަސްލު ހާލު. ކައުންސިލްތަށް އެއްހާލު ވިއްޔާ އެތަންތަން ހިންގަނީ ރަނގަޅަށްކަމެއް ބެލެނިވެރި ފަރާތުން އެބަ ބެލޭބާ؟ އެލިބެންވާ ތަމްރީނު އެބަ ދެވޭބާ؟ 2020އާ 2021 ގެ އޮޑިޓުތަށް އެކުއެކީ ހެދީމަ ރަނގަޅުކުރަން ފުރުސަތު އެބަ ދެވޭބާ؟ 2021ގެ މެއި މަހުގަ މިހާރުގެ ކައުންސިލުތަށް މަސައްކަތާ ހަވާލުވީ، މިމައްސަލަ ތަކުގެ ކިހާވަރެއްބާ މިހާރުގެ ކައުންސިލުން ޒިންމާ ނަގަން ޖެހޭނީ؟ ކުރިން ކައުންސިލްތަކުގެ މައްސަލަތަކަށް ޒިންމާ ނަގާނީ ކޮންބައެއްބާ؟