ރ. އަތޮޅު ދުވާފަރުގައި ދޯންޏެއްގައި ރޯވެ ތިން މީހަކު ފިހިގެން ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހެނދުނު އެރަށުގައި ހުއިފިލަނޑާ ނެގުމުގައި މަސައްކަތް ކުރަމުން އަންނަ ދޯންޏެއްގައި އަލިފާނު ހާދިސާ ހިނގާފައި ވަނީ އެ ދޯނި ސާފް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ބޮޑަށް ބެެލެވޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެ ދޯނި ސާފް ކުރުމަށް ބޭނުން ކުރި ކެމިކަލެއްގެ ސަބަބުންނެވެ.

އެރަށު ކައުންސިލުން "ވަގުތު"އަށް މައުލޫމަތު ދިން އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގައި ތިން މީހަކު ފިހުނު ކަމަށެވެ. އަދި ފިހުނު ތިން މީހުންނަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެއެވެ.