ރާއްޖޭގެ އާބާދީގެ 56.2 އިންސައްތަ މީހުންނަކީ ކޮންމެ ދުވަހަކު ދުފާ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި އަހަރު ހެދި ސްޓެޕް ސާވޭއިން ދައްކާ ގޮތުގައި ކޮންމެ ފަސް މީހަކުން ހަތަރު މީހަކު ފޯއް/ސުޕާރި ދުފުމުގައި ބޭނުންކުރާ ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކޮންމެ ދުވަހަކުވެސް ދުފުމުގައި ފޯއް/ސުޕާރި ބޭނުން ކުރާ ކަމަށް ބުުނެފައި ވެއެވެ.

ދުފުމާ ދުރުހެލިވުމަކީ އަނގައިގެ އަދި ކަރުތެރޭގެ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންކަމުން މީގެ ބަދަލުގައި ފޮނިތޮށި، ދިރި، ކޫފޫރުތޮޅި، ކަރަންފޫ ފަދަ ތަކެތި ބޭނުން ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.

ދިވެހިންގެ އާބާދީގެ ބޮޑު އިންސައްތައެއް ސިއްހަތަށް ފައިދާ ހުންނަ އެއްޗެހި ކެއުމަށާއި ކަސްރަތު ކުރުމަށް އަހަންމިއްޔަތުކަން ނުދޭތީ ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންގެ ތެރޭގައި ކަންބޮޑުވާ މިންވަރަކަށް ހުރި ކަމަށް މި އަހަރު ހެދި ސްޓެޕް ސާވޭއިން ދައްކައެވެ.

އެ ދިރާސާ ހަދާފައިވަނީ އުމުރުން 39 އާއި 15 އަހަރާއި ދެމެދުގެ 3،104 މީހުން ބައިވެރިކޮށްގެންނެވެ. އެ ދިރާސާ ގައިން ގަޔަށް ނާރާ ބަލިތަކާ ގުޅޭ ސުވާލުތައް ދީފައިވެއެވެ. އަދި ދިރާސާގައި ބައިވެރިވި މީހުންގެ އުނަގަނޑުގެ ވަށަމިނާއި ބަރުދަނާއި އިސްކޮޅު އަދި ލޭގެ ޕްރެޝަރު ބެލިއެވެ.

އެ ދިރާސާގައި ބައިވެރިވި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ހެލިފެލިވެ ނޫޅޭ ކަމަށާއި އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވެފައިވަނީ އިސްކޮޅާ އަޅާބަލާއިރު މާ ބަރު މީހުން ކަމަށެވެ.

އެ ދިރާސާގެ ބައިވެރިންގެ ކޮންމެ 20 މީހެއްގެ ތެރެއިން އެކަކީ ބަނގުރާ ބޯ މީހެއް ކަމަށާއި ހަތަރު މީހުންގެ ތެރެއިން އެކަކު ޑްރަގްސް ބޭނުންކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަން

    މަނީ އޯރވާ ހެލްތް

  2. ހަވާސާ ހާދިސާ

    މިކަން އެޑިޔުކެޝަން މިނިސްޓަރަށް އިސާސްކުރެވޭނަމަ ހާދަރަގަޅުވީހޭ!