ކެންސަރު ބަލީގެ ޚާއްސަ ފަރުވާ، ކީމޯ ތެރަޕީގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތަށް ބަރޯސާވާ މައި ހޮސްޕިޓަލެވެ. ހއ،ހދ، އަދި ށ އަތޮޅުގައި 70000 އަށްވުރެ ބޮޑު އާބާދީއެއް ސިއްހީ ހިދުމަތް ހޯދަން އެންމެ ގިނައިން ދަނީ ކުޅުދުއްފުށީ ހޮސްޕިޓަކަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ ކީމޯ ތެރަޕީގެ ޚިދުމަތް އެ ހޮސްޕިޓަލްގައި ފަށާފައިވަނީ މިދިޔަ ހޯމަދުވަހު ކަަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން މި ޚިދުމަތް ފުރަތަމަ ހޯދާފައިވަނީ ހދ.އަތޮޅުގެ އެހެން ރަށެއްގެ ރައްޔިތެކެވެ. ހޮސްޕިޓަލްގައި އެއްފަހަރާ ދެ ޕޭޝަންޓުންނަށް ކީމޯގެ ޚިދުމަތް ދެވޭނެ ކެޕޭސިޓީ ވަނީ ޤާއިމުކޮށްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ޚިދުމަތަށް އެދުމަތުގެ ފުރުސަތު ހުޅުވާލުމާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ޕޭޝަންޓުން ރެޖިސްޓްރީކުރަން ފަށާފައިވާކަމަށެވެ.

ޚިދުމަތް ފައްޓަވާފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ޓީމެއްގެ އެހީތެރިކަމާއިއެކުއެވެ. އެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ނަރުހުންނަށް އެކަމުގެ ފުރިހަމަ ތަމްރީންވެސް ވަނީ ދެއްވާފައެވެ. އަދި އިތުރު ތަމްރީނާ ތަޖުރިބާ ދިނުމަށްވެސް ވަނީހަމަޖެހިފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖައްސާފައެވެ. ބޮޑުތިލަދުންމަތީގެ ތިން އަތޮޅަކީ މިހާރު ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ދަތުރުތައް ކުރަމުންދާ ސަރަޙައްދެކެވެ. އެ އަތޮޅުތަކުގެ ކޮންމެ ރަށަކުން، ކޮންމެ ދުވަހަކުވެސް ކުޅުދުއްފުއްޓަށް ދަތުރުތައް ބާއްވައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ވިދާޅުވީ ޕޭޝަންޓުންނަށް ތެރަޕީ ގަޑިތައް ހަމަޖެއްސުމުގައި، ފެރީ ދަތުރުގެ ގަޑިތަކާއި ދިމާވާގޮތަށް ޕޭޝަންޓަށް އެންމެ ފަސޭހަވާނެހެން އެޕޮއިންޓްމަންޓްތައް ހަމަޖައްސައިދެމުންދާކަމަށެވެ. މިއީވެސް އަމިއްލައަށް އުޅަނދު ކުއްޔަށް ނަގައިގެން އައުމުގެ ބަދަލުގައި، ވީހާވެސް ޚަރަދުކުޑަކޮށް ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސައިދޭ އިންތިޒާމެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކެންސަރު ބަލި މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.