ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައިވާ ބަލި މީހުންނަށް ބޭސް ނެގުމަށް ލުއި ފަސޭހަ ގޮތެއް ތަޢާރަފްކޮށްފިއެވެ.

އެ ހޮސްޕިޓަލުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި ހިދުމަތަކީ މިދިޔަ ޖުލައި މަހު ތައާރަފް ކުރި ޖިދުމަތެއް ކަމަށެވެ. މިގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެނދުކުރިމަތި ކޮށްފައިވާ ބަލި މީހުންގެ ބޭސް ސިޓީއަށް އެ ހޮސްޕިޓަލުގައި ކަނޑައެޅިފައިފާ އުސޫލުގެ ގޮތުން ބޭސް ހަމަ ކޮށްދޭނީ އެރަށުގައި ގާއިމް ވެފައިވާ ބޭސް ފިހާރަތަކުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ހިދުމަތަށް ތިން ހަފްތާ ވެފައިވާއިރު، މިހާތަނަށް 600 އަށްވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ހަމަކުރެވިފައިވާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ 41 ރަށަކުން 72000 އަށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދިނުމަށް ގާއިމްކުރެވިފައިވާ އެ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދުމައް އަންނަ ހޮސްޕީޓަލެއް ކަމަށެވެ.

އެ ހޮސްޕިޓަލުގެ 2022 ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މަހެއްގެ މައްޗަށް 10،000އާ ގާތް ކުރާ ވަރަށް ބަލި މީހުން އޯޕީޑީން ޑޮކްޓަރަށް ދައްކައެވެ. އަދި ގިނަ އަދަދެއްގެ ފަރާތްތަކަށް އެނދުމަތިކޮށްގެން ވެސް ފަރުވާ ދެވެމުންދެއެވެ. ހޮސްޕިޓަލުގައި ހޭދަވާ ދުވަސްތަކުގައި ފަރުވާ ދިނުމަށް އެކި ފަހަރުމަތިން ބޭސް ނެގުމުގައި މީގެ ކުރިން ހަރަކާތްތެރިވާނީ ބަލިމީހާގެ އެހީތެރިންނެވެ.

މި އާ ހިދުމަތާއެކު އެއް ބޭސްފިހާރައިން ނުލިބޭ ބޭސް ހޯދުމަށް އެކި ފިހާރަތަކަށް އެހީތެރިން ދެން ދާންޖެހޭ ނުޖެހޭނެކަމަށް ހޮސްޕިޓަލުން ވިދާޅުވެފައި ވެއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ، ސްޓޮކަށް މަދުވާ ބޭސް ހަމަކުރުމުގެ ނިޒާމުވެސް މި ހިދުމަތުގެ ސަބަބުން އިތުރަށް ހަރުދަނާވާނެ ކަމަށާއި މި މަސައްކަތް ރާވާލެވިފައިވާ ގޮތުން ހޮސްޕިޓަލުގެ ވޯޑުތަކުގައި މަސައްކަތްކުރައްވާ ނަރުހުން، އެނދުމަތިކުރެވިފައިވާ ފަރާތުގެ ބޭސް ސިޓީ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ބޭސްފިހާރަތަކާއި ހިއްސާކުރުމުން، އެ ދުވަހަކަށް ކަނޑައެޅިފައިވާ ބޭސްފިހާރައަކުން ބޭސް ހަމަކޮށްދީގެން ކަނޑައެޅިފައިވާ ނަރުހުންގެ ޖަގަހަތަކަށް ގެނެސްދޭނެ ކަމަށެވެ.

މިފަދަ ހިދުމަތެއް ފެށުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ބަލި މީހުންގެ އެހީތެރިން މިފަދަ ކަންކަމުގައި ޝާމިލްވާން ޖެހޭ މިންވަރު ކުޑަކޮށް، އެ ފަރާތްތަކުގެ ތަކްލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުން ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.