ގއ. ދާންދޫގައި އެއާޕޯޓެއް އަޅައިދިނުމަށް އެ ރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިއްޖެއެވެ.

އެރަށު ރައްޔިތުން އެކަމަށް އެދުނީ ރައީސް ސޯލިހް މިހާރު ގއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ދާންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.

އިއްޔެ ދާންދޫ ސްކޫލްގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދާންދޫ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދަވާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދާންދޫއަކީ މަސްވެރި ރަށެއްކަމަށް ވިދާޅުވެ، މަސްވެރިންނަށް ދިމާވެފައިވާ އެތަކެއް މައްސަލަތަކަށް އެދެވޭ ހައްލުތަކެެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާކަމުގައި ވިދާޅުވެފައެވެ. މިގޮތުން ކުރިޔަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދާންދޫ ރައްޔިތުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

އެގޮތުން ރަށުގެ ރައްޔިތުން ވަނީ ދާންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ބޭނުންތެރިކަމާއި، ދޯނި ފަހަރު އެހެލާނެ ސަރަހައްދެއް ގާއިމުކުރުމާއި، މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. އަދި ރަށުގައި އެއާޕޯޓެއް ގާއިމްކުރުމުގެ މުހިންމުކަމާއި، ފަތުރުވެރިކަން އެރަށުގައި ކުރިޔަށް ގެންދަން ބޭނުންކަމާ އަދި އިތުރު އާމްދަނީއާއި ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތެއް ބޭނުންވާކަން ފާހަގަ ކުރި އެވެ.

މީގެ އިތުރުން ވެސް ރައްޔިތުން ވަނީ ދާންދޫއިން ލިބޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި، ސްކޫލަށް ބޭނުންވާ ކަންކަން ވެސް ރައީސްގެ އަރިހުގައި ދެންނެވި އެވެ.

ރައީސް ވަނީ ދާންދޫ ރައްޔިތުން އެދިފައިވާ ކަންކަން ސަރުކާރުން ވީ ވަރަކުން ފުއްދަވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހުމަދު

    ބަލާއެއް' ނުން 2000 ހަމަ ނުވާ އާބާދީ އަކަށް އެއާޕޯޓެއް އެޅުމަށް ޑިމާންޑް.. ކޫއްޑޫ އެއޮތީ ޖެހިގެން....

    12
    1
  2. އަހުމަދު

    އެއާޕޯޓް އަޅަން ބޮޑު ލޯނެއް ނަގައި އެ ކާލުން ފިޔަވާ އެހެން ކަމެއް މިސަރުކާރަކަށް ނުވާނެ. އެބައެއްގެ ސައިޒުން އެބަޔަކު އުޅޭނީ

  3. ކަރުކެހި

    2000 ހަމަވެގެންތޯ ކޫއްޑޫގަ އެއާރޕޯޓުއަޅާފަ އެއޮތީ؟؟ އަޅަން ޖެހޭވަރުގެ ތަނެއް ކަމައް ހުރިހާގޮތަކުންބެލިޔަސް ދާންދޫގަ އެއާޕޯޓެއް އޮތުންވަރައްމުހިންމު ރައްޔިތުން ޑިމާންޑްކުރަންވީ

    2
    4
  4. ކަރުކެހި

    ކޫއްޑޫގަ އެއާޕޯޓުއެޅީމަ މަސްރައްކާކުރެވޭލެއްމަދުވެފަ ކެޕޭސިޓީއިތުރުކުރުމުގެ ޖާގަވަނީ ގެއްލިފާ ނުވިތާކައް ރަށުތެރެއިން ދުވާވަހުން ކެއްނުކުރެވޭ ހިސާބުގައުޅެނީ؟؟ އެއްގޮތަކައްވެސް ކަމަކުނުދޭ

    3
    2