މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރި އެ ފަތުރުވެރިޔާއަކީ ރަޝިއާގެ ފިރިހެނެއް ކަމަށްވާ ނިކޮލައި ސްޓްރަޓިޗުކްއެވެ.

އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އޭނާއަށް މަރުހަބާ ކީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއި، އެމްއޭސީލްއެލްގެ ފަރާތުންނެވެ.

އިއްތިހާދު އެއާވޭސްއިން ނިކޮލައި ރާއްޖެއަކީ އޭނާގެ އާއިލާއާއި އެކުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހަދިޔާ ދެނީ
--- ފޮޓޯ: އެމްއެމްޕީއާރްސީ

ނިކޮލައި އަށް ރީތި ފަރު ރިސޯޓްގައި ހިލޭ ފަސް ރޭ ހުރުން ލިބިފައިވެއެވެ. އަދި އެމްއެމްޕީއާރްސީ، ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެން، ދިރާގުގެ ފަރާތުން ވެސް އޭނާއަށް ވަނީ އެކި ހަދިޔާތައް ދީފައެވެ.

އާ އަހަރާއި ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާއިރުގައި މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނިމިދިޔަ 2022 ގައި ސަރުކާރުން ކަނޑައެޅި އަމާޒަކީ 1.6 މިލިއަނެވެ. އެ އަމާޒު ވަނީ އަހަރު ނިމުމުގެ ކުރިން ހާސިލްކޮށްފައެވެ.

މި ފެށޭ އަހަރުގައި ޗައިނާގެ މާކެޓް ރާއްޖެއަށް އަލުން ފެށޭނެއެވެ. އެއާއެކު، މި އަހަރުގެ އަމާޒަށްވުރެ އިތުރަށް ވެސް ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.