އިސްލާމީ ވެރިކަމެއް ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެ ވަޑައިގަތްކަން ގަބޫލުކުރައްވަން ވަރަށް ބޮޑަށް ދަތި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ހޮވަން އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވާ ނިންމަވައި އެމަނިކުފާނު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. ނަޝީދުގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝަރީފަކީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ރައީސް ނަޝީދުގެ ކެމްޕޭންގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ އެ ޕްރައިމަރީ އާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވައި، ރާއްޖޭގައި އަނެއްކާވެސް އިސްލާމީ ވެރިކަމެއް ގާއިމް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވާހަކަތައް ގަބޫލުކުރައްވަން ދަތި ކަމަށެވެ.

"ވެރިކަމަށް ވަޑައިގެން އިސްލާމީ ވެރިކަމެއް ކުރައްވާނެކަމަށް ރައީސް ނަޝީދު ވައުދުވެވަޑައިގަތްކަން ގަބޫލުކުރަން ދަތި" މަވޯޓާ ޝަރީފްގެ ޓުވީޓުގައި ވެއެވެ.

ރާއްޖެ ބަނގުރޫޓްވެފައިވާ ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުންތަކުގައި ވެސް ހަގީގަތެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން އިގްތިސާދަށް ހަމަޖެހުން އައިސް ކޮވިޑްގެ ކުރިއެކޭ އެއްގޮތަށް ފަތުރުވެރިކަން ވެސް އަލުން ކުރިއަރައި އިއާދަވަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އާ ދިމާކޮށް އެންމެ ފަހުން ބޭއްވި ޖަގަހަ ޖަލްސާގައި ޝަރީފް ވިދާޅުވީ ރައީސް ސޯލިހް ފިޔަވައި އިތުރު ޗޮއިސްއެއް ނެތް ކަމަށެވެ.

މީގެ ކުރިން ޝަރީފް ވަނީ ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ނަޝީދު، މައުމޫންގެ ވެރިކަމުގައި ބަޔަކު ރާއްޖެ ގެނެސް އެތައް ބަޔަކު މަރަން އުޅުއްވިކަމަށް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަގައި ނަޝީދު ވަނީ އަބުރުގެ ދައުވާގެ މައްސަލައެއް ކޯޓަށް ވެސް ހުށަހަޅުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މަވޯޓާހޭބައްޔާ މިހާރުމިކުރަނީ ކޮންކަހަލަ ވެރިކަމެއްތަ؟؟ ކޮބާ އިސްލާމްދީނަށް ފުރައްސާރަކޮށް މާތްރަސޫލާއަށް ހަޖޫޖެހިމީހުން؟؟ކޮބާ ލިވާޠޭމެން ގޭގަ އެކަންކުރުމަށްފަހިވާގޮތަށް ދޫކޮށްފަ؟؟އެކަމަކު ޔޯގާގެ މުންކަރާތް ހުއްޓުވަން އުޅުނު މީހުން ޖަލުގަ . ކޮބާކަލޭމެންގެ ލަދުހަޔާތް؟؟ ކަލޭރަގަޅަށް ވިސްނަބަލަ؟؟ލާރިއާއިހެދިހޭބަލިވިއަސްތީބޮޑުވަރު!!

    7
    2
  2. ޙެކް

    ނަސީދުގެ ކާމިޔާބީތަކައް ހަސަދަވާ މީހުން ދައްކާވާހަކަތީ. ކާކުތަ މަރައް މަރު ހިފީ؟ ކާކުތަ ވަގުން އަތް ބުރިކުރީ؟؟ މީ އިސްލާމް ދީނުގަ މުހިއްމު ދެކަމެއް.. ހަމަ އެހެންމެ ސަރީފްބެ އައްވެސް ހަސަދަލާ މީހުން އުޅޭނެ. އެކަމު ދެރައީ ސަރީފްބެ މެންކަހަލަ މީހުން އިސްލާމްދީން ހަތިޔާރެއްގެ ގޮތުގަ ބޭނުން ކުރުން...

    3
    1
  3. Anonymous

    ލާދީނީމީހާ އިސްލާމީ ވެރިކަމެއް ނުކުރާނެ. އިސްލާމްދީނަށް ނަޞްރެއް ނުދޭނެ. އިސްލާމްދީނާ ދެކޮޅަށް ނޫނީ ލާދީނީމީހާ ވެރިކަމެއް ނުކުރާނެ. ލާދީނީމީހާ އަށް ރައީސްކަން ލިބިއްޖެނަމަ މިރާއްޖޭގައި ފައްޅިއަޅާނެ. ލާދީނީމީހާއަކީ ދޮގުވެރިއެއް.

    3
    2
  4. އަލްޖިބްރާ

    މިރާއްޖޭގައި ކޮންމެ މީހަކު ވެރިކަން ކުރިއަސް މިޤައުމުގައި އޮންނާނީ އިސްލާމް ދީން ! އެއީ ނަޝީދު ގެންނަ ކަމެއް ނޫން ! ތިއުޅެނީ ޔާމީނު ވައްތަރަށް މީހުންގެ ބޮލަށް ޗިޕް ޖަހަން ! މިހާރު ދިވެހިން އެއަށްވުރެ ފުކެއް ބޯ ރަގަޅުވާނެ ! ނަޝީދަކީ ރާއްޖެއަށް ވަރަށް ރަގަޅު ބަދަލުތަކެއް ގެނެސް ދެއްވި ބޭފުޅެއް ! އެކަމަކު ނަޝީދަކީ ވަރަށް އަގަބޮޑު ބޭފުޅެއް ! ވެރިކަން ލިބި އެވެރިކަން ބީވެގެން ދިޔައީވެސް ނަޝީދުގެ އަގަބޮޑުކަމުން ! ތިމާއާ ނުބެހޭ އެއްވެސް ކަމެއް ނޯވޭ ! އުދުޅިއަށް ވުރެ ދަޑިދިގުވީ !

    2
    1
  5. ރަދުން

    ސަރީފުއެރި މިސްކިތެއް ރާއްޖޭގައި އެބަހުރިތޯ.؟