އަބްދުﷲ ރަމްޒީ ނުވަތަ މަޝްހޫރު ނަމުން ނަމަ ޒުވާން ދަނޑުވެރިޔާ އޭނާގެ ދަނޑުގައި އިންދި ފެޝަން ފުރުޓް ގަހަކުން ބޮޑު ފެޝަން ފުރުޓްތަކެއް އަޅައިފިއެވެ.

ރަމްޒީ "ވަގުތަށް" ބުނީ އެއީ ފިހާޅޮހި ރިސޯޓަކަށް ގެނައި ފެޝަން ފުރުޓްތަކަކުން އޮށް ނަގައިގެން ހެއްދި ގަސްތަކެއް ކަމަށާއި ނަމަވެސް އެ މުޑުވަކަކީ ސީދާ ކޮން ގައުމެއްގެ މުޑުވަކެއް ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

އެ އޮށްތައް އިންދީ މީގެ ފަސް މަސްކުރިން ކަމަށާއި އަދި މޭވާ އެޅިތާ މިހާރު ދޮޅު މަސް ވެދާނެ ކަމަށް އޭނާ ބުންޏެވެ.

އެ ފެޝަން ފުރުޓްގެ ބަރުދަނުގައި އެއް ކިލޯ ހުންނަކަމަށް ރަމްޒީ ބުނެއެވެ. މިއީ ރާއްޖެއިން ލިބޭ ފެޝަން ފުރުޓާ އަޅާ ބަލާއިރު ވަރަށް ބޮޑެތި ފެޝަން ފުރުޓްތަކެކެވެ.

"މީގެ ފަނި ވެސް ގިރައިފިން. ވަރަށް މީރު ހަމަ. މި ގަސް ހައްދަން ސީދާ އަވި ކަމަކު ނުދޭ. ފާޝިއަލީ ހިޔާ ބޭނުންވޭ. ފެން ވެސް ވަރަށް ގިނައިން ބޭނުންވޭ" ރަމްޒީ ބުންޏެވެ.

ރަމްޒީ ބުނީ އެ މުޑުވައް ރަށުގެ މީހުންނަށް ދޭން ނިންމާފައިވާ އިރު، އޭނާގެ ދަނޑުގައި ވެސް އިތުރަށް އެ މުޑުވައް އިންދަން ނިންމާފައިވާ ކަމަށެވެ.

ރަމްޒީ އޭނާގެ ރަށް ސ. މީދޫގައި ދަނޑުވެރިކަން ކުރަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާގެ 40،000 އަކަ ފޫޓުގެ ދަނޑުގައި ފެޝަން ފުރުޓްގެ ހަ ބާވަތަކާއި ޑްރެގަން ފުރުޓްގެ 17 ބާވަތެއްގެ އިތުރުން ފޭރު ވެސް ހައްދައެވެ.