އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް އާހެކި ލިބިފައިވާ ކަމަށް މިއަދު ދައުލަތުން ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބިފައިވާތީ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި އިތުރު ހެކިތައް ހުށަހެޅުމަށް އެދޭ ކަމަށެވެ. އެއީ ފުއްގިރީގެ މުއާމަލާތާ ގުޅިގެން ޕެންޑޯރާ ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

ޕެންޑޯރާ ޕޭޕާސްއަކީ އޮފްޝޯ ބޭންކުތަކާއި ކުންފުނިތައް ބޭނުންކޮށްގެން އެކި ފަރާތްތަކުން ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ގޮތުން މިހާތަނަށް ލީކުވެފައިވާ އެންމެ ގިނަ ލިޔެކިޔުންތަކާއި މައުލޫމާތަށް އެކީ ކިޔާ ނަމެވެ.

ދިވެހި ނޫސްވެރިއެއް ކަމުގައިވާ ޒަހީނާ ރަޝީދުވަނީ ޕެންޑޯރާ ޕޭޕާސްގެ ބައެއް މައުލޫމާތުތައް ދިރާސާކޮށް އެ މައުލޫމާތުގެ މައްޗަށް ދިގު ލިޔުމެއް ލިޔެފައެވެ. ޒަހީނާގެ ލިޔުމުގައި ރަޝިޔާގެ ރައީސް ވެލްޑަމިރު ޕުޓިންގެ ގާތް ބޭފުޅަކު ރާއްޖެއިން ފަޅެއް ގަތް ކަމާއި، އެމުއާމަލާތް ކުރިއަށް ދިޔަ ގޮތް ގެނެސްދީފައި ވެއެވެ.

ރަޝިޔާއަށް ނިސްބަތްވާ ފަރާތްތަކުން ހިންގިކަމަށް ބުނާ މުއާމަލާތަކީ ފުއްގިރީގެ މުއާމަލާތެއް ނޫންކަމާއި އެއީ ކ.އަތޮޅުގައި އޮންނަ ފަޅެއް ގަތުމުގެ މުއާމަލާތެއްކަން ޕެންޑޯރާ ޕޭޕާސްގެ ލިޔުންތަކުން އެނގެއެވެ.

ނަމަވެސް ޒަހީނާ ރަޝިއާ މީހުންނާއި ބެހޭ ގޮތުން ލިޔުނު ލިޔުން ނިންމާލަމުން ރ.ފުއްގިރި ކުއްޔަށް ދިނުމާއި ގުޅޭ މައްސަލައިގެ ވާހަކަތަކެއް ހިމަނާފައި ވެއެވެ. އެއީ ޕެންޑޯރާ ޕޭޕާސްގައި ހުރި ލިޔުންތަކެއް ނޫނެވެ. ޒަހީނާގެ ލިޔުމާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ފުއްގިރި ދިނުމުގެ މުއާމަލާތާއި ގުޅޭ މައުލޫމާތު ޕެންޑޯރާ ޕޭޕާސް އިން ލީކް ކޮށްލައިފި ކަމަށް ބުނެފައެވެ.

ޔާމީންގެ ވަކީލުން ވެސް މިއަދު ވަނީ ދިފާއުގައި އިތުރު ހެކި ހުށަހަޅަން ފުރުސަތަކަށް އެދިފައެވެ. މައްސަލަ ބައްލަވާ ގާޒީ ނަދީމް ވިދާޅުވީ ހެކިތައް ހުށަހެޅުމުން، ހެކިތައް ބަލައި ގަތުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

އެ މައްސަލާގައި ޔާމީނާއި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ވެސް ކުރެ އެވެ.

މިއަދުގެ އަޑުއެހުމުގައި ރިޒާގެ ވަކީލު ހުސްނީ މުބާރިކް ވަނީ ގާޒީ ނަދީމް މައްސަލައިން ތަނާޒުލުވާން ޖެހޭ ހާލަތެއް އޮތް ކަމަށް ވިދާޅުވެ އެކަމަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ ނަދީމް އަކީ މި މައްސަލައިގައި ހެކިބަސް ދެއްވަން ހަމަޖެހިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެވެ. .

ފުށުއަރާ މަސްލަހަތު ތަފްސީލުކޮށްދޭން ގާޒީ އެދުމުން ހުސްނީ ވިދާޅުވީ، އަދީބު ނައިބު ރައީސްކަމުން ވަކިކުރެވުނު ފަހުން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ނަދީމް އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ އަދީބު ދައުލަތާއި އެކު އިއުތުރާފު އެއްބަސްވުމެއް ހަދައިގެން ހެކިބަސް ދޭ މައްސަލައެއްކަން ފާހަގަކޮށް އަދީބުގެ މަސްލަހަތެއް އޮތް ކަމަށް ވިދާޅުވި އެވެ.

ނަދީމް ވިދާޅުވީ އޭނާ އަދީބުގެ ވަކީލެއްގެ މަސައްކަތް ކުރެއްވީ، މީގެ ހަތް އަހަރު ކުރިން އޭނާގެ ބަންދާ ގުޅޭ ކަމެއްގައި ކަމަށެވެ. އަދީބު އަށް ތުހުމަތު ކުރެވުނު ކުށެއްގެ ތަހުގީގަށް ވެސް ގޮސްފައި ނުވާނެ ކަމަށާއި ދައުވާ ކުރެވުނު ކުށަކާއި ގުޅިގެން ވެސް ގާނޫނީ ހިދުމަތެއް ދީފައި ނުވާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.

އެހެން ވިދާޅުވި ނަމަވެސް، ތަނާޒުލުވާން އެދުނު އެދުމާއި މެދު އިތުރަށް ވިސްނަވާފައި ގޮތެއް ނިންމަވާނެ ކަމަށް ނަދީމް ވިދާޅުވި އެވެ.

މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ގާޒީ މިއަދު އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަދު

    އެއީ ހަމަ ސައްހަ ކިތާބީ ހެއްކަކަށް ވާނީ. މި ސަރުކާރުގެ ހޯމް މިނިސްޓަރަކީ ވެސް ނޫސްތަކުން ހެކި ހޯއްދަވައިގެން މައްސަލަ ތަހުގީގުކޮށް އެއީ ތެދުކަމަށް ލޮލުން ކަރުނަ ބާލާ މީހެއް ވިއްޔާ

    39
    3
  2. މަރީ

    ތިއޮތީ އަނެއްކާ ސާބިތުވެފަ އެއްނު އެހެންވީމާ ކަޅު އިބުރޭ ކަޅުދަބަސް އުފުލި ވާހަކަވެސް ސަބިތުވެ ކުޑަގޮޅީގަ އޮންނަން ޖެހޭނެ ކަމައް މި ބަލަނީ

    51
    1
  3. ހުސޭނުބޭ

    އެ ސާބިތުވާ ކަމަށް ހުޚުމްކުރާނެ. އަދި ދޭދޭ ރަނޑު އަންހެނުން ތަޅާ އަނގަވެސް ހެކީގެ ގޮތުގައި ހުޅައަޅާނެ.

    43
  4. ކޮރަކަލި

    ތިކަމުން ބަރީއަވާން ދޭނީ ކޮންދޮގުހެއްކެއް

    3
    22
    • ޢަލިބެެއްޔާ

      ކުރިކު ރިޒާ ޔާމީނު އުޅުވާ ނިކަމެތިކަން އެގި ދެއްވި ސޮދަގާތެއް

      2
      16
  5. ބީރުމީހާ

    ގިނަ މަސައްކަތް ކޮއްފައުވާތީ ނޫންތޯ އެވަރަށް ވައްކަންވެސް ކުރެވިފަ އެހުރީ އިބޫމެން ކަމެއްނުކުރެވޭތީ ވައްކަން ނުޖުރާކަމަށްވަނީ ރިޒާވް ދައްވާއިރަށް ޗާޕްކޮއްލަނީ ހިލޭ ލޯނު ލިބެނީ

    10
    2