ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިންގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އުމަރު ނަސީރަކީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

ރާއްޖެ އާ މިސްރާބަކަށް ގެންދިއުމުގެ އަމާޒުގައި ހުންނެވި އުމަރުގެ ރިޔާސީ ކެމްޕެއިން ރާވާ ހިންގާނެ ގޮތް ޕްލޭން ކުރުމަށް ރޭގައި ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އުމަރު ފޯނަށް ޖަވާބު ނުދެއްވާތީ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

އުމަރު ފޭސްބުކްގައި ވިދާޅުވާ ގޮތުގައި ޑްރަގާއި ގޭންގްތަކާއި ބިދޭސީ ސިފައިންގެ ނުރައްކަލުން މި ގައުމު ސަލާމަތްކޮށް، ރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމުގެ ދަތުރު މިވަނީ ފަށައިފައެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމުކުރަން ޖެހޭއެވެ. މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަތުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ވެރިޔަކަށް ގެންނަން ޖެހޭނީ އިސްލާމީ ޝަރީއަތުގައި ހިފަން ކެރޭ ހިތްވަރުގަދަ ކުޅަދާނަ ވެރިއެކެވެ.

އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުގެ މާނައަކީ ހަމައެކަނި މީހުންގެ އަތްފައި ކެނޑުން ނޫން ކަމަށާއި ދަރިން ތަރުބިއްޔަތު ކުރުމާއި މަދުރަސީ މާހައުލާއި އިސްލާމީ އަޚްލާގިއްޔާތުގެ މައްޗަށް އިސްލާމީ ޝަރީއަތް ގުޅިފައިވާ ކަމަށް މީގެ ކުރިން އުމަރުވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވެސް ދޭންވީ އިސްލާމީ ޝަރީއަތުގައިވާ އަދަބުކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ގޮވާލެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބޭކާރު ވޯޓެއް ލުމަކަށ

  2. ލުއްޓި

    މި ސޮރުގެ ކެޕެސިޓީއަކީ 25 ލަދުން ބޯ ހަލާކި

  3. ކުދު ބޭބޭ

    މި ސޮރުގެ ކެޕެސިިޓީ 25! ލަދުން ބޯ ހަލާކު