ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ޝަވެންދަރު ސިލްވާ، ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ބައްދަލު ކުރައްވައިފިއެވެ.

ރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ޝަވެންދަރު ސިލްވާ، އިއްޔެ ވަނީ އެމްއެންޑީއެފްގެ ހެޑްކޯޓާރޒްއަށް ވަޑައިގެން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ބައްދަލު ކުރައްވާފައެވެ.

ރާއްޖެ އާއި ސްރީލަންކާ އަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އޮންނަ ޤައުމަކަށް ވެފައި މިގުޅުމުގެ ތެރެއިން ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި ސްރީލަންކާއިން ވެދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަން ފާހަގަކުރައްވައި ސްރީލަންކާ ސަރުކާރަށާއި، އަސްކަރިއްޔާއަށް މިނިސްޓަރ މާރިޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި އެމްއެންޑީއެފް އަށް ބޭނުންވާ އިތުރު ތަމްރީނުތައް ހޯދުމަށާއި ދެޤައުމު ދޭތެރޭ ދިފާޢީ އަދި އަސްކަރީ ދާއިރާއިން ގުޅުންތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

އަދި ހަމައެއާއެކު ސްރީލަންކާގެ އަސްކަރިއްޔާއާ ވަރަށް ގާތްގުޅުމެއް އަބަދުވެސް އޮންނަކަން ފާހަގަކުރައްވާ، މިގުޅުމުގެ ތެރެއިން އެމްއެންޑީއެފްގެ އިންސާނީ ވަޞީލަތް ތަރަށްޤީ ކުރުމަށް ބޭނުންވާ ގިނަ ކޯސްތަކަކާއި ތަމްރީނުތަކެއް ސްރީލަންކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއިއެކު މިހާރު ވެސް ލިބެމުންދާކަން މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ސިފައިން ތަމްރީނުކުރުމަށް ސްރީލަންކާގެ އަސްކަރިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިކަންތައްތަކަށް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ސްރީލަންކާގެ ސަރުކާރަކާށައި އަސްކަރިއްްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.