މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ކުޑަކުދިންނަށް އަނިޔާކޮށްގެން 107 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މިނިސްޓްރީއަށް ވަނީ 252 މައްސަލައެއް ހުށަހަޅާފަ އެވެ. އޭގެތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 107 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ކުޑަކުދިންނާއި ގުޅުންހުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ 28 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

އަދި ކުދިންނަށް ޖިންސީ ހާނިކަ ކޮށްގެން 25 މައްސަލައެއް، ޖިސްމާނީ ހާނިކައިގެ 18 މައްސަލަ އެއް ވެސް އެ މަހު ވަނީ ހުށަހަޅާފަ އެވެ.

ކުޑަކުދިންނާއި ގުޅޭ އިތުރު މައްސަލަތައް:

  • ގެވެށި އަނިޔާގެ އަމަލެއް ދެއްކުން - 17 މައްސަލަ
  • ނަފްސާނީ ހާނިކަ - 9 މައްސަލަ
  • ގަނާ ލިބުމުގެ - 3 މައްސަލަ
  • ބިރުދެއްކުމުގެ -2 މައްސަލަ
  • ގްރޫމް ކުރުމުގެ -2 މައްސަލަ
  • އިންޓަނެޓް މެދުވެރިކޮށް ޖިންސީ ގްރޫމް ކުރުމުގެ - 1 މައްސަލަ
  • ނަހަމަ ގޮތުގައި ކުއްޖަކު ބޭނުންކުރުމުގެ - 1 މައްސަލަ
  • ވިޔަފާރި ފައިދާއަށް ކުއްޖަކު ބޭނުންކުރުމުގެ - 1 މައްސަލަ

ދެން އެންމެ ގިނައިން ހުށެހެޅިފައި ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 50 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައި ވެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެބާވަތުގެ 21 މައްސަލައެއް ނޮވެމްބަރު މަހު ޖެންޑާއަށް ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން ކުޑަކުދިންެ އަހުލާގާއި ގުޅުން ހުރި 20 މައްސަލައެއް ވެސް ނޮވެމްބަރު މަހު ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަތަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ ހަ މައްސަލައެއް ހިމެނެވެ. އަދި ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި ފަސް މައްސަލައެއްވެސް އެމަހު ޖެންޑާއަށް ވަނީ ހުށަހަޅާފަ އެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު އެ މައްސަލަތައް މަދުކުރުމަށް ސަރުކާރުން އަންނަނީ ގިިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކުދިންގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގާ ބެލުމާއި، އެކުދިންނާއި ގުޅުންހުރި ކަންކަމުގައި ވަރުގަދަ އުސޫލްތައް ގެންގުޅެމުންދާކަން ފާހަގަކޮށްލެވެއެވެ.