ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ބްރާޑްކާސްޓީން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އަހުމަދު ގައިސް އިސްތިއުފާ ދެއްވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ގައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 ގައެވެ. ގައިސްއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮއެވެ.

ގައިސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އޭނާ ނުކުންނެވީ މާ މުހިންމު، ގައުމީ މަސައްކަތެއް ކުރައްވާށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަނުން ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގައިސް ބްރޯޑްކޮމް އިން އިސްތިއުފާ ދެއްވާފައި ވަނީ މިއަދެވެ.

ގދ. އަތޮޅު ކައުންސިލަރު ކަން ކުރެއްވި ގައިސް ވަނީ އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސް ކަން ކުރައްވައިފައެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވެސް ގައިސް ވާދަކުރެއްވިއެވެ. އެކަމަކު، އޭނާ އަށް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

ސިޔާސީ ގޮތުން ހަރަކާތްތެރި ބޭފުޅަކު، ބްރޯޑްކޮމް ފަދަ މިނިވަން މުއައްސަސާއަކަށް އައްޔަން ކުރުމުން އޭރު ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑު ވެސް ކިއެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީ

    ތިޔަ މުއައްސަސާތައް ހާދަ މިނިވަންވާނޭ ދޯ!!! މިމީހުނައް މުހުއްމުވާނީ މިމީހުންގެ އަމިއްލަ ކަންތައްތައް

    17
  2. Anonymous

    ޔާމީނުއަށް ލޮޓިދީފަ ވަރަށް އެކްޓިވް ވެގެންއުޅެނީ

    14
  3. ބޮޑުހުޅު

    އަންނިގެ އޯޑަރަށް ތިނަދޫގެ އެކިތަންތަނުގަ ހުޅުޖެހުމުގެ މުގުލުގައި ހުންނެވީ ގައިސް.

    11
  4. ޒާ

    ތީދެން މާވަރުގަދަ މީހެއްތާ. ރާއްޖޭގެ އެންމެން ފަތަހަ ކުރެވޭވަރު މީހަކު ތިޔަފަދަ ތަނެއްގައި ހުރިކަން ދެރައީ.

  5. ދަވާލާ

    ޑެޕިއުޓީ މިނިސްޓަ ފޯރ ކެންޕެއިންގެ މަގާމަށް ގައިސް އައްޔަނުކުރައްވައިފި ، ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގެ ތަރުޖަމާނު މިއުވާން ، ގައުމު ދަވާލައިފި

    11