ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލައިގެ ތިން ވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން 21،181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމަންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެ ކުންފުނިން މިހާތަނަށް ވަނީ ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ގިނަ މަސައްކަތްތަކެއް ކޮށް ނިންމައިފައެވެ.