މިހާތަނަށް ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އިފްތިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރޭގައި ވަނީ ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށާއި، ގއ.ގެމަނަފުށީގައި އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަސައްކަތް ހަވާޅުކުރެވުނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރައިނެކް އިންޑިއާ ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީއެވެ. އަދި ރައިނެކް އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕީ ސުކުމަރަންއެވެ.

މިމަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީޒަރެއްގެ އިތުރުން 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަރ ސިސްޓަމެއް ގާއިމް ކުރެވޭނެއެވެ. އަދި ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރެވޭނެއެވެ.

ފެލިވަރުގައި ގާއިމުކުރެވޭ ބޮޑު ކޯލްޑް ސްޓޯރޭޖްގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިންގ ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެ ކަމަށާއި މަސްކިރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 23 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ގާއިމްކުރެވޭނީ ސަރުކާރުން އެކަމަށް ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއްގައެވެ. މިބިމާއެކު މުޅިން އަލަށް އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ ޢާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.

މި މަސައްކަތްތަކުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މިމަޝްރޫއުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ފެލިވަރުގައި ގާއިމުކުރެވިގެންދާނެއެވެ. މިފްކޯއިން ގަންނަމަހުގެ ބޮޑުބައެއް ވެލިޔު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު މިމަޝްރޫޢުގެ ސަބަބުން ހުޅުވިގެންދާނެއެވެ.