މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުން ރައީސް ނަޝީދުގެ ތިން ސަޕޯޓަރަކު ހައްޔަރު ކޮށްފިއެވެ.

ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯޓުލުން މިހާރު ކުރިއަށްދާއިރު, ބައެއް ރަށްތަކުގައި ވޯޓުލުން ހޫނުވެ, ވަނީ ހަމަނުޖެހުން ހިނގާފައެވެ. އެގޮތުން ވޯޓު ފޮށިތައް ފަޅައި, އެތަނުގައި ތިބި އޮފިޝަލުންނަށް ވަނީ ހަމަލާދީފައެވެ.

އަދި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި ވެސް ވަނީ ހަމަނުޖެހުން ހިންގާފައެވެ.

ފުލުހުން ދެންމެ ވިދާޅުވީ, ވޯޓު ފޮއްތަށް ގެއްލުންދިން މައްސަލައިގައި ގދ. ރަތަފަންދޫން ދެ މީހަކާއި ތިނަދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރަތަފަންދޫ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު, ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުގައި ހިމެނޭ ރައްޔިތުން މަޖިލީހުގެ ނައިބު ރައިސް, އީވާ އަބްދުالله ވިދާޅުވީ, ހައްޔަރު ކޮށްފައިވަނީ ރައީސް ނަޝީދުގެ މަންދޫބެއް ކަމަށެވެ. އަދި މިދާވަރުން ދާނަމަ, ރައީސް ނަޝީދު ވެސް ހައްޔަރު ކުރާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ތިނަދޫން މީހަކު ހައްޔަރު ކޮށްފައިވާއިރު, އެރަށުގައި ހުރި "ވަގުތު" ގެ ނޫސްވެރިއަކު ވަނީ ރައީސް ނަޝީދުގެ ސަޕޯޓަރުން ވޯޓު ފޮށި ފަޅާލާފައިވާކަން ކަށަވަރު ކޮށްދީފައެވެ. އެކަން ފެންމަތިވެފައިވަނީ ރައީސް ސޯލިހުގެ ސަޕޯޓަރުން ފޯނު ހިފައިގެން ވޯޓު ލާން ވަނުމުން ނަޝީދުގެ ސަޕޯޓަރުން ވެސް ފޯނު ހިފައިގެން ވަންނަން އުޅެނިކޮށް އެކަން ހުއްޓުވުމުންނެވެ.