ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންނަށް ހާއްސަ ފަސް ޑޮކްޓަރުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ދާއިމީ ކޮށް މަސައްކަތް ކުރާނެ ކުޑަކުދިންނަށް ހާއްސަ ފަސް ޑޮކްޓަރު ބޭނުންވާ ކަމަށެވެ.

އެ ޑޮކްޓަރުން ވަޒީފާ އަދާކުރަން ޖެހޭނީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ދަށުން ހިންގާ ހެލްތު ސެންޓަރު ތަށް ކަމަށްވާ އަލިފުށީ ސިއްހީ މަރުކަޒު، ހުޅުދުއްފާރު ސިއްހީ މަރުކަޒު، އިނގުރައިދޫ ސިއްހީ މަރުކަޒު، މަޑުއްވަރީ ސިއްހީ މަރުކަޒު އަދި މީދޫ ސިއްހީ މަރުކަޒުގައި ކަމަށެވެ.

ވަޒީފާއަށް ހޮވޭ ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި މަހަކު -/30990 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ސާވިސް އެލަވަންސެއްގެ ގޮތުގައި މަހަކު -/10200 ރުފިޔާ ލިބޭނެ ކަމަށެވެ.

މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުމާއި ބަލިމީހާ ރިފާކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ހިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުމާއި ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ހާއްސަ ތަހުލީލްތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހްލީލްތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުން އަދި ފަރުވާއަށް ގެންނަންށްޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން ވެސް ޑޮކްޓަރަކު އަދާކުރަން ޖެހޭ އެހެނިގެން ވާޖިބުތަކެވެ.

މަގާމުގެ ޝަރުތުތަކަކީ:

  • މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުން
  • މޯލްޑިވިސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރަށްވުރެ ކުރުނޫން އެމް.ޑީ / އެމް.އެސް ނުވަތަ އެއާއި އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުން
  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން

އިއުލާނުގައި ބުނެފައި ވަނީ ލިޔެކިއުންތައް ހަމަކުރުމަށް ފަހު މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެ ހޮސްޕިޓަލަށް މެއިލް ކުރުމަށެވެ.