ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގޮސް މަޑުޖެހިފައި ވަނީ ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް ކޯޓުން ބުނެފިއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ދައުވާ ކޮށްފައިވާ މީހުންގެ މައްސަލަތައް މިހާރު ބައްލަވަނީ ގާޒީ ސޮފްއަތު ހަބީބާ އެވެ.

ގާޒީ ސޮފްއަތުގެ ސެކްޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ދައުވާ އުފުލާފައިވާ މައްސަލަ އަކީ ކޯޓަށް ހާޒިރު ކޮށްގެން ހިންގާ މައްސަލައަކަށް ވެފައި، ކޯޓުގެ ޖާގައިގެ ދަތިކަމުން މިހާތަނަށް އަޑުއެހުމެއް ތާވަލުކުރަން ފުރުސަތު ނުލިބި ދަނީ ކަމަށެވެ.

"މިވަގުތު ބޭނުން ކުރެވެނީ ފަސް ކޯޓު ރޫމު، ޝަރީއަތް ކުރާ 10 ސެކްޝަނުން ބަހާލައިގެން، މި މަހު ބީ4 ސެކްޝަނަށް ލިބުނީ 10 ދުވަސް، އެ ދުވަސްތަކުގައި ތާވަލު މި ކުރަނީ އޭގެ ކުރިން ލިބިފައިވާ މައްސަލަތައް،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެން އެންމެ އަވަހަށް ވެސް ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުމެއް ޝެޑިއުލް ކުރެވޭނީ ރޯދަ މަސް ތެރޭގައި ނުވަތަ ރޯދަ މަސް ނިމިގެން ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި މަންދޫބު، އިނގިރޭސިވިލާތުގެ އައްބާސް ފާއިޒް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މައްސަލައިގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ބުނެ އިދާރާތަކުން ދައްކަނީ ގަބޫލުކުރަން ދަތި ސަބަބެއް ކަމަށެވެ. "މި މައްސަލައިގެ ޝަރީއަތް ލަސްވެގެންދާ އެކަށޭނަ ސަބަބެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނުވޭ," އައްބާސް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތް ބާވެ، އެތަނަށް މީހުން ވަނުން ރައްކާތެރި ނޫންކަމަށް ނިންމުމުން ކޯޓުގެ އެހެން ވަރަށް ގިނަ މައްސަލަތަކުގެ ޝަރީއަތް ވެސް ވަނީ ލަސްވެފައެވެ. ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    އަޑީގައި ތިބީ ސަރުކާރުގެ ބޮޑުން. އެހެންވެގެން.

  2. ހަނާ

    ޔާމީނުގެ ޝަރީޢަތް ހިންގަން އެކަނި ކޯޓްްތަކުގަ ޖާގަ އޮންނާނީ،
    ވަރަށް ސަލާމް މި ސަރުކާރަށް،

    10
  3. ތަން

    ޢަޅުގަޑު ތަނެއް ހަމަޖައްސަ ދީފާނަން.

  4. ސޯލޭ

    ސަދޫމު ކޯޓްގަ ޖާގައޮތީ ހަމައެކަނި ޔާމިނުގެ މައްސަލަ ބަލަން މިވަރު ވާއިރުވެސް ކަނުވެފަ ބީތާވެފަ ދިވެހިންގެ ބަޔަކުވެސް އަތް ތަޅަން ތިބޭވިއްޔަ އެބީތާތަކައް ހަލާކުހުރު ލޮލް

  5. މަބޭ

    ތިޔަކަމިގެ ފަހަތުގަތިބިބަޔޔަކާ ހަރަދުކުރިބަޔެއް އަދިއަދައްނުހޯދޭ ތަނަކުން މީހަކުހޯދާ އޭނާގެބޮލައް ހުރިހާކަމެއް ކަންޑާލުމުން މައްސަލަނުނިމޭ

  6. ރޯޒީ

    ނަޝީދަށް ދެވުނު ހަމަލާގެ ފަހަތުގަ ހުރީ އެލެކްސް ކިޔާމީހަކާ ކުރުސީ ކިޔާމީހަކުކަން ތަހުގީގުން ށައްކުކުރެވޭތީ، ހެކި ބަދަލުކޮށް އުފައްދަން ދުވަސްކޮޅެއް ބޭނުންވަނީ.