ރާއްޖޭގައި މިހާރު ތަރައްގީ ކުރެވޭ އެއާޕޯޓްތަކުގެ ތެރެއިން މާފިނޮޅާއި، ގދ.ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ފަށާ، އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލަން ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މާފިނޮޅު އެއާޕޯޓަކީ 68.21 މިލިޔަން ރުފިޔާ ހަރަރުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް މަހާޖައްރާފު އޮތީ އެރަށުގައެވެ. އެހެން ނަމަވެސް މަހާޖައްރާފުއިން އެރަށް ހިއްކުމުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތަަކަށް ދަތިކަމެއް ހުރުމާއެކު އެ މަސައްކަތް ކުރުމަށް ކަޓާ ޑްރެޖާއެއް އެ ރަށަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިއަތު ވިދާޅުވީ، މަހާޖައްރާފް އިން މާފިނޮޅު ހިއްކުމަށް ދަތިތަކެއް ހުރުމާއެކު އެމްޓީސީސީގެ ކަޓާ ޑްރެޖާ ބޭނުންކޮށްގެން އެ މަސައްކަތް ކުރިއަށްގެންދިޔުމަށް މިހާރު ނިންމާފައިވާކަމަށެވެ.

"މާފިނޮޅުގައި ކޮންމެވެސް ވަރަކަށް މަހާޖައްރާފް މަސައްކަތް ކޮށްފައި، ކަޓާ ޑްރެޖަރުން އިތުރަށް މަސައްކަތް ކުރަން މި އުޅެނީ". ޒިއަތު ވިދާޅުވިއެވެ.

މާފިނޮޅުގެ މަސައްކަތަށް މަހާޖައްރާފަށްވުރެ ކާޓާ ޑްރެޖާ ބޭނުންކުރަން ފަސޭހަވެގެން ދާނީ އެ ފިނޮޅަށް ކަނޑައިގެން ވަންނަން ޖެހޭތީ ކަމަށް ޒިއަތު ވިދާޅުވިއެވެ. އެހެންކަމުން މިހާރު މާފިނޮޅުގެ މަސައްކަތް ކުރަމުންދާ މަހާޖައްރާފް ތ.ގުރާދޫއަށް ގެންގޮސް، އެ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަޓާ ޑްރެޖާ ގެނެސް މާފިނޮޅުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެކަމަށް ޒިއަތު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ބެލެވެނީ މާފިނޮޅު ހިއްކާލުމަށް އެހާ ދުވަހެއް ނުނަގާނެ ކަމަށް. މިހާރު މޫސުން ތަންދޭގޮތުން އެ ދިމާލު ބޭރުން މަސައްކަތް ކުރަން އުނދަގޫވޭ. ދެން ކަނޑައިގެން އެތެރެއަށް ވަދެފައި މަސައްކަތް ފެއްޓީމަ މަހާޖައްރާފް އައިސް މަސައްކަތް ކުރަން ފަސޭހަވެގެން ދާނެ" ޒިއަތު ވިދާޅުވިއެވެ.

މާފިނޮޅުން 16.78 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމަށްވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. ޒިއަތު ވިދާޅުވީ، ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަސައްކަތްތައް ފެށުމަށް އެމްޓީސީސީން މިހާރު މޮބަލައިޒް ކޮށްގެން އެތާގައި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.

"ފަރެސްމާތޮޑާގެ މަސައްކަތް ހަލުވިކޮށްލަންވެގެން މިގެންދަނީ ކަޓާ ޑްރެޖަރު އެކޮޅަށް. ވަރަށް ބާރު ސްޕީޑެއްގައި އިރާދަކުރެއްވިއްޔާ ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާނެ". ޒިއަތު ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ 40.66 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ރަށުގެ އެއާޕޯޓް އެޅުމަށް 19.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިތުރު މަސައްކަތްތައްވެސް ބާރު ސްޕީޑްގައި ފަށައި އެ މަސައްކަތްތައް ނިންމާލާނެ ކަމަށް ޒިއަތު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިކްރަމް

    ސައުގެއް ނެތް

    • Anonymous

      ޝައުގު އެބަހުރި

    • ނުހާ

      ބޯންވާނެ، ބޮވެން ޖެހޭނެ..އެންމެން އަބަދަކު ހަމައިގަ ތިބެގެން ނުވާނެ!! މިހާރު ކަލޭ ޝައުގުވެރިވާނެތަ؟

  2. ޖޯން

    ސާބަހޭ ރައީސް ޔާމީން??????

  3. އަސްލުހާލަތު

    ހޫން ވަރަށް އަވަސް ތިޔަ މާފިނޮޅު ހިއްކަން ދިޔަ ޖައްރާފު 15 ދުވަސް ވަންދެން މާކަނޑުގަ އޮވެ އޮވެފަ އެންމެ ދުވަހަކު ވެލިކޮޅެއް އަޅާ ފޮޓޯނަގާ ސުރުހީ ހަދާފަ އެބަ އޮތް އަނެއްކާވެސް މާ ކަނޑުގަ ހޮޅިއެއް ފެޅުނީޔޯ ކިޔާފަ.. ޗައިނާއިން ހަދައިފަ އޮތް ފޭކު ޖައްރާފެއްތޯއްޗެ އާނ އަހަރެއް ނުވޭ 2 ފަހަރަށް ހަލާކުވެއްޖެ

  4. ހަސަނާ

    އެމްޓީސީސީ އަކު ނެތް މަހާ ޖައްރާފް ނޫނީ މަސައްކަތް ކުރެވޭ އެންމެ ޑްރެޖަރެއްވެސް، ގުރައިދޫބަ ބަނޑުޖަހާފަ 5 ަހަރު ވީ ޑްރެޖަރެއް އެހެން ރަށަކަށް ގެންދިއުމަކުން އޭގައި މަސައްކަތެއް ނުކުރެވޭނެ،